މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އީކޮމާސް ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އިބްރާހީމް މުހައްމަދަށް އެ ކުންފުނިން ދިން އިންޒާރަކީ ބާތިލު އިންޒާރެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައިފިއެވެ.

މިއީ އިބްރާހިމް މުހައްމަދުގެ ޕާފޯމަންސް އާއި މަސައްކަތުގެ އަހްލާގާ ގުޅޭގޮތުން ވާހަކަދެއްކުމަށް އެޗްއާރުން ކުރި މަސައްކަތަށް ހުރަސްއަޅައި، އެއްބާރުލުން ދީފައިނުވާކަމަށް ބުނެ ލިޔުމުން އޭނާއަށް އިންޒާރުދީ އެޅި ފިޔަވަޅާ ބެހޭގޮތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެެވެ.

މި މައްސަލައިގައި އިބްރާހިމް މުހައްމަދު ޓްރައިބިއުނަލްގައި އެދިފައިވަނީ އޭނާއަށް ދިން އިންޒާރަކީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އެޅި އެކަށީގެންވާ ފިޔަވަޅެއް ނޫންކަމަށް ކަނޑައަޅައިދިނުމަށާއި، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އިންޒާރު ދިނުމަށް ނިންމާފައިވާ ނިންމުމަކީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަކާ ނުލައި ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށާއި، މައްސަލަ ހުށަހެޅި ފަރާތަށް ދިން އިންޒާރަކީ ބާތިލު އިންޒާރެއްކަމަށް ކަނޑައަޅައި ދިނުމަށެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ޓްރައިބިއުނަލުން ބެލުމަށްފަހު، އިބްރާހިމް މުހައްމަދުގެ ފަރާތުންނާއި ޕޯސްޓުން ހުށަހެޅި ލިޔެކިޔުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށާއި، ހެކިވެރިންގެ ހެކިބަހަށް ރިއާޔަތްކޮށް ބެލިއިރު، ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް އިސްލާހީ ފިޔަވަޅު އަޅާފައި ވަނީ އެކަށީގެންވާ ހަމައަކުންކަމަށް ބުރަނުވެވޭތީ އިބްރާހިމް މުހައްމަދަށް ދީފައިވާ އިންޒާރަކީ ބާތިލު އިންޒާރެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ.