ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.
މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަސްލަމް ހުށަހަޅުއްވި މި ބިލްގައި، ނޫސްވެރީން މަސްދަރު ނުވަތަ މައުލޫމާތު ލިބުނު ގޮތް ހާމަކުރަން ޖެހޭ އިތުރު ހާލަތެއް ވަނީ ހިމަނައިފައެވެ.
ބިލުގައި ވާގޮތުން މަސްދަރު ހާމަ ކުރުމުގެ އަމުރަކަށް އެދެެވޭނީ ހައި ކޯޓަށެވެ. އަދި އެގޮތަށް ހުށަހަޅާ ހުށަހެޅުމަށް 24 ގަޑިއިރު ތެރޭގައި އެ ކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މަސްދަރު ހާމަކުރުމުގެ އަމުރަކަށް އެދި ހުށަހަޅާނެ ވަކި ކޯޓެއް މިހާރު ގާނޫނުގައި ބަޔާންކޮށްފައެއް ނޯވެއެވެ. އެހެންވެ މެޖިސްޓްރޭޓް ކޯޓަކުން ވެސް އެފަދަ އަމުރެއް ހޯދުމަށް އެދުމުގެ ފުރުސަތު އޮވެއެވެ.
ގާނޫނަށް ގެންނަން މިހާރު ހުށަހަޅާފައިވާ އިސްލާހުގައި މައްސަލަ ރައްދުވާ ނޫސްވެރިޔާ ނުވަތަ އެ ނޫސްވެރިޔާ ވަޒީފާ އަދާކުރާ ތަނަށް އެ 24 ގަޑިއިރު ތެރޭ ޝަރީއަތަށް ޖަވާބުދާރީވުމުގެ ފުރުސަތު ހައި ކޯޓުން ދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން ގާނޫނުގައި ބުނާ ހާލަތްތަކުގައި ކޯޓު އަމުރަށް އެދި ހައި ކޯޓަށް ހުށަހެޅޭނީ ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ ތުހުމަތު ކުރެވޭ ފަރާތަށް ނުވަތަ ދައުވާ ލިބޭ ފަރާތަށް ކަމަށް ވެސް އިސްލާހުގައިވެއެވެ.
ގާނޫނު މިހާރު ބުނެފައި އޮންނަ ގޮތުން މަސްދަރު ހާމަ ނުކުރާނެ ކަމަށް ނޫސްވެރިޔާ ވެފައިވާ ވައުދެއް ނުވަތަ ދީފައިވާ ޔަގީން ކަމެއްގެ މައްޗަށް، އެ މައުލޫމާތު ދިން ފަރާތެއްގެ ރުހުމާނުލައި އެ ފަރާތެއް ހާމަކޮށްދޭ ނުވަތަ ހާމަ ވުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ހިއްސާކުރަން ނޫސްވެރިޔާ ނުވަތަ އޭނާ މަސައްކަތް ކުރާ ތަނަށް މަޖުބޫރެއް ނުކުރެވޭނެއެވެ.
އެ ގޮތަށް އަމުރު ކުރެވޭނީ ވެސް ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުން ހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން އެނގޭ ނަމައެވެ.
މި ބިލުގައި ޕޮލިސް ލައިންއަޕް ހަދައިގެން ކުށްކުރި މީހާ ދެނެގަނެވޭނެ އުސޭލެއް ހެދުމަށް ވަނީ ހުށަހަޅައިފައެވެ.
އެގޮތުން ގާނޫނުގައި އިތުރުބާބެއް ހިމަނަން ބިލްގައި ވަނީ ހުށަހަޅައިފައެވެ.
އެ ބާބަށް ކިޔަނީ "ކާކުކަން އަންގައިދޭ ހެކި" އެވެ.
އެ ބާބުގައި ބަޔާންކޮށްފައިވަނީ ހަތަރު ބާވަތެއްގެ ހެކި ޝަރީއަތަށް ގަބޫލު ކުރެވޭނެ ކަމަށެވެ.
އެ ހަތަރު ބާވަތުގެ ހެއްކަކީ، ޕޮލިސް ލައިންއަޕް ހަދައިގެން ހޯދާ ހެކި، ފޮޓޯ ލައިންއަޕް ހަދައިގެން ހޯދާ ހެކި، ވިޑީއޯ ރިކޯޑިން ދައްކައިގެން ހޯދާ ހެކި އަދި އޯޑިއޯ ރިކޯޑިން ދައްކައިގެން ހޯދި ހެކިއެވެ.
އިސްލާހުގައި ބަޔާންކޮށްފައިވަނީ ޖިނާއީ ކުށެއް ކުރި މީހަކު ދެނެގަތުމަށް އެ ހަތަރު ބާވަތުގެ ހެކި ބޭނުން ކުރެވިދާނެ ކަމަށެވެ. އަދި ވަކި ކުށެއް ކުރީ ވަކި މީހަކު ކަމަށް ބަޔާންކޮށް ހެކިބަސް ދިން ފަރާތެއް ދިން ހެކިބަހުގައި ފާހަގަކޮށްފައިވާ ފަރާތެއް ދެނެގަތުމަށް ވެސް އެ ހަތަރު ބާވަތުގެ ހެކި ބޭނުން ކުރެވިދާނެ ކަމަށެވެ.
ލައިން އަޕް މެދުވެރިކޮށް ހޯދާ ކާކުކަން އަންގައިދޭ ހެކި ޝަރީއަތަށް ބަލައިގަނެވޭނެ ހާލަތްތަކެއް ވަނީ އިސްލާހުގައި ބަޔާންކޮށްފައެވެ. އެގޮތުން ހެކިބަސް ދޭ މީހާ ކުށް ކުރި ކަމަށް ބެލެވޭ މީހާ ފާހަގަކޮށްފައިވަނީ ވަކި ފަރާތެއް ފާހަގަކުރުމަށް މަގުފަހިވާ ގޮތަށް ގަސްދުގައި އެއްވެސް ނުފޫޒެއް ފޯރުވުމެއް ނެތި ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
- ވަކި ކުށެއް ކުރީ ވަކި މީހަކު ކަމުގައި ހެކިބަސް ދޭ މީހާ ދިން ހެކިބަހުން ފާހަގަކުރާ ފަރާތެއް ހެކިބަސް ދޭ މީހާ ދެނެގަނެފައިވަނީ ސީދާ އެ ފަރާތެއް ހިމަނައިގެން ހަދާފައިވާ ޕޮލިސް ލައިންއަޕެއް މެދުވެރިކޮށް ކަމަށްވުން
- ޕޮލިސް ލައިންއަޕެއް ހެދުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވުން
- ޕޮލިސް ލައިންއަޕެއްގައި ބައިވެރިވުމަށް ކުށުގެ ތުހުމަތު ކުރެވޭ މީހާ ނުވަތަ ހެކިބަސް ދޭ މީހާ ދިން ހެކިބަހުން ފާހަގަކޮށްފައިވާ ފަރާތެއް އިންކާރުކޮށްފައި ނުވުން.
އެއްވެސް މީހެއްގެ ޕޮލިސް ލައިންއަޕް ހެދުމަކީ ތުހުމަތު ކުރެވޭ ފަރާތް ނުވަތަ ދައުވާ ލިބޭ ފަރާތާ މެދު އިންސާފު ގާއިމު ކުރުމުގެ ގޮތުން ކުރުމަށް އެދެވިގެންވާ ކަމެއް ކަމަށް ނުވާނަމަ، އެކަން ޝަރީއަތުން ބަލައިގަނެގެން ނުވާނެ ކަމަށް އިސްލާހުގައިވަނީ ބަޔާންކޮށްފައެވެ.
އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން ޕޮލިސް ލައިންއަޕެއް ހެދުމަކީ އެކަށީގެންވާ ކަމެއް ކަން ޝަރީއަތުން ބެލުމުގައި ކުށުގެ ބާވަތާއި ކުޑަބޮޑުމިނަށް އަދި ހެކީގެ މުހިންމު ކަމަށް ޝަރީއަތުން ރިއާޔަތް ކުރަން ޖެހެއެވެ.
ހެއްކާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި ޕޮލިސް ލައިންއަޕްގެ ބަދަލުގައި ފޮޓޯ ލައިންއަފް ބޭނުންކޮށްގެން ކުށުގެ ތުހުމަތުވާ މީހާ ދެނެގަތުމަށް ބޭނުންވާނެ އުސޫލުތައްވެސް ވަނީ ހިމަނައިފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު