ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރުކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މ. މުއްޔަށް ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ ނޮވެމްބަރު 11 އަކީ ބީއެމްއެލްގެ އަހަރީ ދުވަސް ކަމަށާއި އެ ދުވަހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެ އިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ.

ބީއެމްއެލުން މިއަދު ބުނީ މާދަމާއިން ފެށިގެން ޑެބިޓް ކާޑުން ބޭނުން ކުރެވޭނެ ޖުމުލަ އަދަދަކީ 3،000 ޑޮލަރު ކަމަށެވެ.

އެއީ ރާއްޖެއިން ބޭރުގައި ކާޑު މެޝިން މެދުވެރިކޮށް ފައިސާ ދެއްކުމަށް 1،000 ޑޮލަރު އަދި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ޓިކެޓަށާއި ހޮޓަލަށް ފައިސާ ދެއްކުމަށާއި ސިއްހީ ފަރުވާ ހޯދުމަށް 3،000 ޑޮލަރު ކަމަށެވެ.

ބީއެމްއެލުން މިއަދު ވަނީ ރާއްޖޭގެ ވިޔަފާރިތަކަށް އާ ފައިނޭންސިން ފެސިލިޓީއެއް ތައާރަފުކޮށް، ބީއެމްއެލް ކާޑު މެޝިންތަކުގައި ބޭނުންކުރާ ހުރިހާ ބީއެމްއެލް ޑެބިޓް ކާޑުތަކުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރު) އެއް ޕަސެންޓަށް ކުޑަކޮށްފައެވެ.

މިއީ ބޭންކުގެ 43 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ގެނައި ހެޔޮ ބަދަލުތަކުގެ ތެރެއިން އެއް ބަދަލެއްކަމަށް ބީއެމްއެލުން ބުންޏެވެ.