މުޅި ރާއްޖެއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އޭޓީއެމްގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑޮލަރު އޭޓިއެމްއަކާއި ޑޮލަރު ދޫކުރާ ކައުންޓަރެއް ގާއިމުކޮށް، ދަތުރުވެރިންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެ ހިދުމަތްތައް ފައްޓަވައިދެއްވީ ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ހާއްސަ ރައްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ އެހީގައި ހަނިމާދޫ އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވުމަށް ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ އެއާޕޯޓުގެ ސަބަބުން މުޅި އުތުރުގެ ޓޫރިޒަމާއެކު އެހެނިހެން ދާއިރާތަކަށް ވެސް ތަރައްގީ އަންނާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އެކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.

"ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑޮލަރު ކައުންޓަރާއެކު ޑޮލަރު އޭޓީއެމްވެސް ގާއިމުކުރެވުމުން ހާމަވެގެންދަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެތާކުންވެސް ބޭންކުގެ ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ، ވަސީލަތްތައް ގާއިމުކުރުމަށް އަޅުގަނޑުމެން ދޭ އަހަންމިއްޔަތުކަން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސާވިސް ބޭންކިން ސެންޓަރު، 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.