މި ސަރުކާރުން ހަވާލުވި އިރު ހަނިމާދު އިންޓަނޭޝަނަލް އެއާޕޯޓްގެ ނިމިފައި ހުރީ 30 ޕަސެންޓް ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ އެހީގައި ހަނިމާދޫ އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވުމަށް ހަނިމާދޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝަރީފު ވިދާޅުވީ ހަނިމާދޫ އެއާޕޯޓަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާ މަންޒަރު ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށާއި އެ މަންޒަރު އޮތީ މާ ދުރަކު ނޫން ކަމަށެވެ. އަދި ބޮއިންގް 737 އާއި އޭ-320 މަރުކާގެ ބޮޑެތި މަތިންދާ ބޯޓު ޖައްސާ މަންޒަރު ބަލަން ބޮޑުތިލަދުންމަތީގެ ރައްޔިތުން ހެވިފައި ތިބޭ މަންޒަރު ވެސް ފެނިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޕްރައިވެޓް ޖެޓްތަކާއި އެންމެ ފަހުގެ ޒަމާނީ ޖެޓްތަކުން އެ އެއާޕޯޓަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާ މަންޒަރު ވެސް ފެނިގެންދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
"މި މަސައްކަތަކީ މި ސަރުކާރު އައި އިރު ގާތްގަނޑަކަށް 28 ޕަސެންޓާއި 30 ޕަސެންޓާ ދެމެދަށް ކޮމްޕްލީޓް ވެފައިވާ މަސައްކަތެއް. ތަފާތު މީހުން ތަފާތު ގޮތްގޮތަށް ދެކިދާނެ އެކަމަކު މިވަރު ބޮޑު ފެސިލިޓީއެއް ހަދާއިރު އޭގެ ފެސިލިޓީ ރަން ކުރުމަށް ނުވަތަ ހިންގުމަށް ބޭނުންވާ ހުރިހާ މަސައްކަތަކީ ޕްރޮޖެކްޓްގެ ކަންކަން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މި ސަރުކާރުން އެ މަސައްކަތާ ހަވާލުވި އިރު ޕެސެންޖާ ޓާމިނަލާއި ކާގޯ ޓާމިނަލް ބިލްޑިން އާއި ޖެޓީ އާއި ފަޔާސް ޓޭޝަނެއް އަދި އިންޖީނުގޭގެ މަސައްކަތް ވެސް ނިމިފައިނުވާ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓްގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމުމަށް ބާރު އަޅުއްވައި އެހީތެރިވެދެއްވީތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަށް ޝަރީފް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން