ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)ގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށްގެންދާ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފުކުރި އެފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.

ދިރާގުން މިއަދު ބުނީ، އެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވައި އެ ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް އެކި ތަމްރީނު ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

އެ ޕްރޮގްރާމުގެ ދަށުން ދިރާގުގެ އެޑްމިނިސްޓްރޭޝަން، މާކެޓިން، ސޭލްސް، ޕްރޮކިއުމެންޓް، ކޯޕަރޭޓް ސާވިސަސް، ފައިނޭންސް، ހިއުމަން ރިސޯސަސް އަދި ޓެކްނޮލޮޖީގެ ދާއިރާތަކުން އާމްދަނީ ހޯދަމުން ވަޒީފާގެ ތަޖުރިބާ އާއި ތަމްރީނު ހޯދުމުގެ ފުރުސަތު ބައިވެރިންނަށް ފޯރުކޮށްދޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަމާޒުކޮށްފައިވަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. އޭލެވެލް ފުރިހަމަކޮށް ފުލް-ޓައިމް ވަޒީފާ އަދާނުކުރާ ހުރިހާ ޒުވާނުންނަށް ވެސް އެ ޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ. އަދި އެ ޕްރޮގްރާމް ކުރިއަށްގެންދަނީ، މާލޭގެ އިތުރުން އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ލ. އަތޮޅު އަދި ހުވަދު އަތޮޅުގައި ގާއިމުކުރެވިފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައެވެ.

"މި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށްވެސް އެ ފަރާތްތަކުގެ ސޮފްޓް ސްކިލްސް ތަރައްގީކުރުމަށާއި ވަގުތު މެނޭޖުކުރުމަށާއި ޕްރޮޖެކްޓް ހިންގާނެ ގޮތް ފަދަ ވަޒީފާގެ މާހައުލުގައި ބޭނުންވާ މުހިންމު މައުލޫމާތާ ބެހޭ ގޮތުން ދިރާގުގެ އެކި ޑިޕާޓްމެންޓްގެ މުވައްޒަފުންގެ ފަރާތުން ތަމްރީނު ލިބިގެންދާނެ،" ދިރާގުން ބުންޏެެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ލިންކް މެދުވެރިކޮށް މިމަހުގެ ކުރިން ފޯމް ހުށަހެޅޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން 2009 ވަނަ އަހަރުން ފެށިގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަމުން އަންނަ އިރު، މިއަދުގެ ނިޔަލަށް ޖުމުލަ 288 ޒުވާނުން ވަނީ އެ ޕްރޮގްރާމްގައި ބައިވެރިވެފައެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކުރީގެ ގިނަ ދަސްވެނިން ދަނީ ދިރާގާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެހެނިހެން ޖަމިއްޔާތަކުގައިވެސް ވަޒީފާތައް އަދާކުރަމުންނެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގަރާމްގެ ޒަރިއްޔާއިން ދިރާގުން ދަނީ ޒުވާނުން ބާރުވެރިކުރުވައި، މުސްތަގުބަލުގެ ލީޑަރުން ބިނާކޮށް އަދި އެ ފަރާތްތަކުގެ ހުނަރުތައް ތަރައްގީކުރުމަށްޓަކައި ގާބިލު މެނޭޖްމަންޓް ޓީމެއްގެ އިރުޝާދުގެ ދަށުން ތަމްރީނުތައް ކުރިއަށް ގެންދަމުންނެވެ.