ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް އަލުން ހުޅުވުމަށް މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ރާއްޖެ ވަޑައިގަތީ އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ އެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އޭނާ ރާއްޖެ ވަޑައިގަތީ ރަސްމީ ދަތުރެއްގައި ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި އިންޑިއާގެ ލޯނު އެހީގައި ތަރައްގީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމަށް މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ކިންޖަރަޕޫ ބައިވެރިވެވަޑައިގަންނަވާނެއެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ އަރިހުގައި އެ ގައުމުގެ ސިވިލް އޭވިއޭޝަން ދާއިރާގެ ވަފުދެއްވެސް ރާއްޖެ އައިސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ކުރިއަށް ގެންދާ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމު ކުރި ރަންވޭ އަކީ 2.7 ކިލޯމީޓަރުގެ ދިގު ރަންވޭ އެކެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ 18 ޖެނުއަރީ 2023 ގައެވެ.
އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރު ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ ކަމަށް ކުރީން އިއުލާނުކޮށްފައިވެއެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރާނެ ކަމަށް ބުނެފައިވެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އަލީ ޔާމިން
ހަނިމާދޫ އިންްޓަނޭޝަނަލް އެއާޕޯޓް
ހަނިމާދޫ އިންްޓަނޭޝަނަލް އެއާޕޯޓް
ހަނިމާދޫ އިންްޓަނޭޝަނަލް އެއާޕޯޓް
ހަނިމާދޫ އިންްޓަނޭޝަނަލް އެއާޕޯޓް