އެމްޑީޕީން މިމަހުގެ 17 ވަނަ ދުވަހު ބާއްވަން އުޅުނު އެއްވުމަށް ސަރުކާރުން ހުއްދަނުދިން ކަަމަށްބުނެ ކެންސަލްކޮށްފިއެވެ.
އެމްޑީޕީން ރޭ ދަނޑިކޮށި ޖަގަހައިގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެއްވުން ބޭއްވުމަށް ތަނެއް ހޯދުމަށް އެމްޑީޕީން މަސައްކަތް ކުރި ނަމަވެސް ސަރުކާރުން ވަނީ ހުރިހާތަނެއް ބްލޮކްކޮށްފައި ކަމަށެވެ.
އެގޮތުން ކާނިވަލް، އާޓިފިޝަލް ބީޗު އަދި ރަސްފަންނުގައިވެސް އެއްވުން ބޭއްވުމަށް މަސައްކަތް ކުރިނަމަވެސް ސަރުކާރުން ހުއްދަދީފައިނުވާކަމަށް އިބުރޭ ވިދާޅުވިއެވެ. އަދި ސަލްޓަން ޕާކުގައި އެއްވުން ބާއްވަން ބެލިއިރު އެތަން ވަނީ މަރާމާތާކަށް ކަމަށްބުނެ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ނަގައި ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ދަށަށް ގެނެސްފައި ކަމަށް އިބުރޭ ވިދާޅުވިއެވެ.
އެމްޑީޕީގެ އެއްވުން ޕްރޮމޯޓް ކުރުމަށްވެސް ސަރުކާރުންދަނީ ހުރަސް އަޅަމުންކަމަށް އިބުރޭ ވިދާޅުވިއެވެ. އެގޮތުން އެއްވުން ޕްރޮމޯޓްކުރުމުގެ ގޮތުން ހުޅުމާލޭގައި ދެމި ބެނާތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނަގައިފައިވާ ކަމަށް އިބުރޭ ވިދާޅުވިއެވެ.
އިބުރޭ ވިދާޅުވީ އެއްވުމުގެ ވޯމްއަޕެއްގެ ގޮތުން ޕިކަޕް ވޯމްއަޕެއް ބޭއްވުމުން ފުލުހުން ވަނީ އެކަން ހުއްޓުވައިފައިކަމަށް އޭނާ ވިދާޅުވިއެވެ. ޕިކަޕް ވޯމްއަޕަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދައަށް އެދުމުން އެ މިނިސްޓްރީން ތަފާތު ސަބަބުތައް ދެއްކުމަށްފަހު ހުއްދަދީފައިނުވާ ކަމަށް އިބުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހަރުގޭގެ ބޭއްވާ ވަރަށްވުރެ އެއްވުން ބޮޑުވާނެކަމަށް ލަފާކުރެވޭތީ ހާމަ ބޮޑު ސަރަހައްދެއް ބޭނުންވާ ކަމަށެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެ އެއްވުން ފަސްކުރަން ފާސްކޮށްފައިވަނީ އެ މަޖިލީހުގެ އިއްތިފާގުންނެވެ.
މުހައްމަދު އިޝާން
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ