ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ބޮންޑެޑް ވެއާހައުސްއިން ނެރެފައިވާ މައްސަލައިގައި، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހުމޫދު ރިޔާޒުގެ ބައިވެރިވުމެއް އޮތް ކަމަށް ނުބެލެވޭތީ، އޭނާއަށް އަލުން މަގާމު ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241ކޮމިޓީ) އިން ލަފާ އަރުވައިފިއެވެ.

އެ މައްސަލައިގައި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ދެ ބޭފުޅުން ކަމަށްވާ މަހުމޫދު ރިޔާޒާއި އަބްދުﷲ ވަހީދު ވަކިކުރައްވާފައިވާކަން، މިދިޔަ މަހުގެ 29 ވަނަ ދުވަހު އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.

ރައީސް ރިޔާޒު ވަކިކުރެއްވީ، ހޯކްސް މައްސަލައާއި ބޮންޑެޑްވެއާ ހައުސްއިން ސިނގިރޭޓްތައް ނެރުނު މައްސަލަ 241 ކޮމިޓީން ތަހުގީގު ކުރުމަށްފަހު، އަޅަން ޖެހޭ ފިޔަވަޅުތައް ހިމަނައިގެން ތައްޔާރުކޮށް ސަރުކާރަށް ހުށަހެޅި ރިޕޯޓާ ގުޅިގެންނެވެ.

ނަމަވެސް ރިޔާޒު ވަކިކުރުމާ ގުޅޭ މައްސަލަ އަލުން މުރާޖައާ ކޮށްދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މާލިއްޔަތު ކޮމިޓީއަށް ވަނީ ހުށަހަޅައިފައެވެ.

އޭނާ ކޮމިޓީއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ރިޔާޒަކީ އިހުލާސްތެރިކަމާއެކު ކަސްޓަކްސްގައި 30 އަހަރު ހިދުމަތްކޮށްފައިވާ ފަރާތެއް ކަމަށެވެ. އޭނާގެ ހިދުމަތުގެ ދިގު މުއްދަތުގައި އެފަދަ އެއްވެސް ކަމެއްގައި ރިޔާޒުގެ އެއްވެސް ނުރަނގަޅު ރެކޯޑެއް އޮތްކަމަށްު ނުފެންނާތީ މި މައްސަލަ އަލުން މުރާޖައާ ކޮށްދިނުމަށް ސިޓީގައި ވަނީ އެދިފައެވެ.

އެ މައްސަލައިގައި 241 ކޮމިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮމިޓީން އިތުރަށް މަޝްވަރާކުރުމަށްފަހު، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހުމޫދު ރިޔާޒްގެ ސީދާ ބައިވެރިވުމެއް ކޮމިޓީން ދިރާސާކުރި އެ މައްސަލަތަކުގައި އޮތް ކަމަށް ބެލެވެން ނެތުމާއެކު، އޭނާގެ މަގާމު އަލުން އިއާދަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުން ނިންމައި، ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ރައްޔިތުންގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ކަސްޓަމްސްގެ ތެރޭގައި އޮތް އިހުމާލުތަކާއި ހިންގަމުންދާ ކޮރަޕްޝަންތަކުގެ ސަބަބުން ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ދަށްވަމުންދާ ކަމަށެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައ ތެލުގެ ވިޔަފާރިކުރަމުންދާ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން ނުވަތަ 84،000 ސިނގިރޭޓު ފޮށި، ތިލަފުށީގައި ހުންނަ ބޯޓު ޔާޑު ޖެޓީއަށް ބާލައިގެން އެތެރެކުރި މައްސަލައެއް ފެންމަތިވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ހޯކްސްއިން އެކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުންޏަކީ ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށާއި ދުންފަތުގެ އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ނުކުރާ ކަމަށެވެ. ވަގަށް ސިނގިރޭޓް އެތެރެކުރަން އުޅުނު އެ ކުންފުނީގެ މުވައްޒަފުން މަސައްކަތުން އެކަހެރި ކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.