ދިވެހި ސާފް ލީގުގެ އެންމެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖުގެ ފިރިހެން އޯޕަން ކެޓަގަރީއާއި ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަން ހޯދައި، އުމުރުން 15 އަހަރުގެ ޔަސީން އަހުމަދު ނާޝިދު ތާރީހީ ކާމިޔާބީއެއް ހޯދި އިރު، ދިވެހި ސާފް ލީގުގެ ޗެމްޕިއަންކަން އަހުމަދު އާގިލް (އަންމަޑޭ) ހޯދައިފިއެވެ.

ޔާސިން އިއްޔެ ރަންނަމާރި ޗެލެންޖް ކާމިޔާބުކުރި އިރު، އޭނާއަކީ ސާފިން ލީގުގެ މުބާރާތެއްގެ ޖޫނިއާ އަދި އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ސާފަރެވެ. އޭނާ މިފަހަރު ސާފް ލީގުގެ ޖޫނިއާ ޑިވިޝަނުގެ ޗެމްޕިއަންކަންވެސް ހޯދި އިރު، ރަންނަމާރި ޗެލެންޖްގެ އޯޕަން ބައިގެ ފައިނަލުގައި ވާދަކުރީ އަހުމަދު ހިޝާމް ޝަހީމާ ދެކޮޅަށެވެ.

ފައިނަލުގައި ޔާސިން ވަނީ 16.00 ގެ ސްކޯއެއް ހަދައިފައެވެ. ހިޝާމަށް ހެދުނި 12.57 ގެ ސްކޯއެކެވެ.

އިންޑިއާގެ ޓަމިލް ނާޑޫގައި މި އަހަރު ބޭއްވި އޭޝިއާގެ ސާފިން މުބާރާތުގެ ޖޫނިއާ ބައިގެ ކުއާޓާ ފައިނަލުގައިވެސް ޔާސިން ވާދަކޮށްފައިވާ އިރު، އޭނާ މިފަހަރު ޖޫނިއާ ލީގު ޗެމްޕިއަންކަން ހޯދީ ރަންނަމާރި ޗެލެންޖްގެ ޖޫނިއާ ބައިގެ އިތުުރުން، ލ. މާބައިދޫގައި ބޭއްވި ކެރަންޑޫ މުބާރާތުގެ ޖޫނިއާ ޗެމްޕިއަންކަންވެސް ހޯދައިގެންނެވެ.

ޔާސިން ސީނިއާ ބައިގެ ދެވަނައިގައި ނިންމާލި އިރު، ލީގު ހޯދީ އަހުމަދު އާގިލް (އަންމަޑޭ) އެވެ. މިއީ އަންމަޑޭ ލީގު ހޯދި ދެވަނަ ފަހަރެވެ.

ރަންނަމާރި ޗެލެންޖްގެ އަންހެން ބައިގެ ޗެމްޕިއަންކަން މިފަހަރުވެސް ހޯދީ އަޔާ ނަސީމެވެ. މިއީ، އާޔާ މުބާރާތް ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ. މި ފަހަރުގެ ފައިނަލު ހީޓުގައި އާޔާ ވަނީ 13.34 ޕޮއިންޓް ސްކޯކޮށްފައެވެ. ފައިނަލުގައި އާޔާއާ ވާދަކުރި، އައިމިނަތު ތާނީސް ޝިރަން އަށް ލިބުނީ 7.17 ޕޮއިންޓެވެ.

މިފަހަރުވެސް ރަންނަމާރި ޗެލެންޖްގެ ޓީމް އިވެންޓް، މަރުހަބާ ކަޕް ކުރިއަށް ގެންގޮސްފައިވާ އިރު، ޗެމްޕިއަންކަން ހޯދީ މާލެއެވެ. އެއީ ތުލުސްދުއާ ވާދަކޮށްގެންނެވެ. މާލޭ ޓީމުގައި ހިމެނެނީ ޔާސިންނާއި ޔޫސުފް ކަޔާން ހަމްދާން ޒަކީ، ނޫހު މުހައްމަދު ދުނައިމް އިރްޝާދު އަދި ސައްޔިތު ސަލާހުއްދީނެވެ.