މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ވ. ފެލިދޫ ކައިރީ އޮންނަ ފަރަކަށް އަރައިފިއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވާކަމުގެ ރިޕޯޓު އިއްޔެ ފަތިހު 5:01 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި ފަހިރޯޅި ނަމަކަށް ކިޔާ އެ ބޯޓުގެ މައްޔާ ފަޅައިގެންގޮސް ދިޔަވެ ބޯޓުގެ ބޮޑުބައެއް މިހާރު އަޑިއަށް ގޮސްފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގިއިރު ބޯޓުގައި ތިބީ ޖުމުލަ 12 މީހުން ކަމަށާއި އެމީހުން ފުލުހުންގެ އެހީތެރިކަމާއެކު ފެލިދުއަށް ގެންގޮސްފައިވާ ކަމަށެވެ. ބޯޓުގައި ތިބީ ހަ ދަތުރުވެރިންނާއި (ދިވެއްސަކާއި ފަސް ބިދޭސީން) ކެޕްޓަނާއި ބޯޓުގެ ވެރިފަރާތާއި ހަތަރު ބިދޭސީ ފަޅުވެރިން ކަމަށެވެ.

އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ އެ ހާދިސާ ހިނގިގޮތް ބަލަމުންދާ ކަމަށެވެ.