އަމިއްލަ ކުންފުނިތަކާ ތަރައްގީގެ މަޝްރޫއުތައް ހަވާލުކުރީ ޖުމުލަ 2.71 ބިލިއަން ރުފިޔާއަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ބާސެލޯ ނަސަންދުރާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ތަރައްގީގެ 206 މަޝްރޫއެއް އަމިއްލަ 53 ކުންފުންޏަކާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 2.71 ބިލިއަން ރުފިޔާގެ އެ ޕޯޓްފޯލިއޯގައި ހިމެނެނީ ރާއްޖޭގެ އަތޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަން، ތައުލީމު، ސިއްހަތު، ކުނި މެނޭޖްކުރުން، ކުޅިވަރު ވަސީލަތްތައް، ފުލުހުންގެ އިންފްރާސްޓްރަކްޗާ، މިސްކިތްތައް އަދި އެހެނިހެން މުޖުތަމައުގެ ވަސީލަތްތައް ކަމަށާއި އެ މަޝްރޫއުތަކަށް ފައިނޭންސިން ފޯރުކޮށްދެވޭނީ އިންވެސްޓާ ފައިނޭންސް މޮޑެލްގެ ދަށުން ކަމަށެވެ.

އެ މަޝްރޫއުތަކަކީ ރަށު ފެންވަރުގެ ހިދުމަތްތަކާއި އިންފްރާސްޓްރަކްޗާ އަވަސްކުރުމާއި، ގައުމީ ތަރައްގީގައި ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން ހަރުދަނާކުރުން ކަމަށާއި އިންވެސްޓާ ފައިނޭންސް ސްޓްރަކްޗާގެ ސަބަބުން ކޮންޓްރެކްޓަރުންނަށް ވަގުތުން މަސައްކަތް ފެށުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ފައިސާ ދެއްކުން ގުޅިފައިވާނީ މަޝްރޫއުތަކުގެ ކުރިއެރުންތަކާއި ނިންމުމާ ގުޅިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ މަޝްރޫއުތައް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހިންގާ އަސާސީ ހިދުމަތްތަކާއި މުޖުތަމައުގެ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށްފައިވާ ކަމަށެވެ.

މަޝްރޫއުތަކަށް ވަކިވަކި ދާއިރާތަކުން ހަރަދުވާ އަދަދުތައް:

  • ހައުސިން އަދި އާބަން ޑިވެލޮޕްމަންޓް ދާއިރާ: 13 މަޝްރޫއެއް، 997.38 މިލިއަން ރުފިޔާ
  • ތައުލީމީ ދާއިރާ: 26 މަޝްރޫއެއް، 397.25 މިލިއަން ރުފިޔާ
  • ސިއްހީ ދާއިރާ: 30 މަޝްރޫއެއް، 312.21 މިލިއަން ރުފިޔާ
  • ފަތުރުވެރިކަން އަދި ތިމާވެށި ދާއިރާ: 24 މަޝްރޫއެއް، 204.27 މިލިއަން ރުފިޔާ
  • ކުޅިވަރު، ފިޓްނަސް އަދި މުނިފޫހިފިލުވުމުގެ ދާއިރާ: 52 މަޝްރޫއެއް، 197.30 މިލިއަން ރުފިޔާ
  • އިސްލާމީ ދާއިރާ: 14 މަޝްރޫއެއް، 196.43 މިލިއަން ރުފިޔާ
  • މަސްވެރިކަމުގެ ޕްރޮސެސިންއާ ގުޅިފައިވާ ބިންހިއްކުމާއި އެހީތެރިވެދޭ މަސައްކަތްތައް: ދެ މަޝްރޫއެއް، 131.87 މިލިއަން ރުފިޔާ
  • ހޯމްލޭންޑް ސެކިއުރިޓީ އަދި ޓެކްނޮލޮޖީ ދާއިރާ: 39 މަޝްރޫއެއް، 114.99 މިލިއަން ރުފިޔާ
  • މަތީ ތައުލީމުގެ ދާއިރާ: ފަސް މަޝްރޫއެއް، 114.52 މިލިއަން ރުފިޔާ
  • ޒުވާނުން ބާރުވެރިކުރުވުން، މައުލޫމާތު އަދި ފަންނުވެރިކަމުގެ ދާއިރާ: އެއް މަޝްރޫއު، 40 މިލިއަން ރުފިޔާ

މިނިސްޓްރީން ބުނީ ހުރިހާ މަޝްރޫއުތަކެއްވެސް ތަންފީޒުކުރެވޭނީ ޕީއެސްއައިޕީ މިންގަނޑުތަކުގެ ދަށުން، ޓެކްނިކަލް ސްކޯޕްތަކާއި ނިންމުމުގެ މުއްދަތުތައް ކަނޑައަޅައި، ހަމަޖެހިފައިވާ އިންވެސްޓާ ފައިނޭންސް އެރޭންޖްމަންޓްގެ ދަށުން މަޝްރޫއުތަކުގެ ކުރިއެރުންތަކަށް ބިނާކޮށް ފައިސާ ދޫކުރެވޭނެ ކަމަށެވެ. އަދި އިންވެސްޓްމަންޓްތަކާ އެއްގޮތަށް ފައިދާ ލިބުމާއި ވަގުތަށް ނިންމުން ކަށަވަރުކުރުމަށް ހަރުދަނާ ކުރެވިފައިވާ މޮނިޓަރިން، ރިޕޯޓިން އަދި އޮޑިޓް މެކޭނިޒަމްތައް ގާއިމުކުރެވިފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިންވެސްޓާ ފައިނޭންސް މޮޑެލްގެ ދަށުން، ދިވެހި ކޮންޓްރެކްޓަރުންނަށް ސަރުކާރުން ފާސްކޮށްފައިވާ ޕީއެސްއައިޕީ ކޮންޓްރެކްޓްތަކުގެ މައްޗަށް ބިނާކޮށް ޕްރޮޖެކްޓް ފައިނޭންސް ލިބިގެންދާނެ ކަމަށާއި ސަރުކާރުން ފައިސާ ދައްކާނީ ކުރިއަށްދާ މިންވަރު ޔަގީންކުރުމަށްފަހު ކަމަށެވެ. މިއީ ކޮންޓްރެކްޓަރުންނަށް ފައިސާގެ ދައުރު ރަނގަޅުކޮށް، ވަގުތަށް އަދި ބަޖެޓަށް ފެތޭގޮތަށް މަޝްރޫއުތައް ނިންމުމަށް ހިތްވަރުދޭ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.