ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫގައި ދެމުން އަންނަ ބޭންކިންގެ ހިދުމަތްތައް ފުޅާކޮށް ކަސްޓަމަރުން އިތުރު ފަސޭހަތަކެއް ހޯދައިދިނުމަށް މިއަދު ހިތަދޫ ބްރާންޗުގައި އާ ކަސްޓަމާ ސާވިސް ސެންޓަރެއް ހުޅުވައި، މަރަދޫގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ދޭން ފަށައި ހުޅުދޫގައި އާ ބްރާންޗެއްގެ ބިންގާ އަޅައިފިއެވެ.
ބީއެމްއެލުން ވަނީ އެކަމަށް ހާއްސަ ރަސްމިއްޔާތުތަކެއް މިއަދު ބާއްވައިފައެވެ. އެކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކުގެ ބޭންކިން ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ އިރު، ކަސްޓަމަރުންނާ އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރަން މުހިންމު އަހުމިއްޔަތު ކަމެއް ދޭ ކަމަށެވެ.
"އައްޑޫގައި ހިދުމަތް ފުޅާކުރުމަކީ ކަސްޓަމަރުން ބޭނުންވާފަދަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް." ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލުން ބުނީ އައްޑޫ ހިތަދޫ، ހުޅުމީދޫ އަދި މަރަދޫ ފޭދޫގައި ގާއިމުކޮށްފައި ހުންނަ ބޭންކުގެ ބްރާންޗްތައް މެދުވެރިކޮށް ބޭންކުން މިހާރުވެސް ވަރަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދޭ ކަމަށެވެ. އަދި 11 އޭޓީއެމްގެ ސެލްފް ސާވިސް ބޭންކިންގެ އޭޓީއެމް ސެންޓަރަކާއި ހިތަދޫގައި ގާއިމުކޮށްފައިވާ ޑޮލަރު އޭޓީއެމްގެ ހިދުމަތްވެސް ދެމުންދާ އިރު، ބޭންކުގެ ކޮންޓެކްޓް ސެންޓަރެއްވެސް އައްޑޫގައި ހިންގާ ކަމަށެވެ.
މީގެ ތެރެއިން މަރަދޫ ފޭދޫގައި ހިންގާ ބޭންކުގެ ބްރާންޗް (ބީއެމްއެލް ގަމު ބްރާންޗް) އަކީ ބޭންކުގެ ތާރީހުގައި ވަރަށް ހާއްސަ ބްރާންޗެއް ކަމަށާއި އަދި ގަމު ބްރާންޗަކީ މީގެ 40 އަށްވުރެ ގިނަ އަހަރު ކުރިން، 1983 ވަނަ އަހަރު މާލޭން ބޭރުގައި ގާއިމުކުރި ބޭންކުގެ ފުރަތަމަ ބްރާންޗް ކަމަށެވެ.
ބީއެމްއެލުން ބުނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސާވިސް ބޭންކިން ސެންޓަރު، 261 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު އެ ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
އާއިޝަތު މާހާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް