އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫގެ އިން ނުވަތަ އިހުތިސޯސް ވަކިކުރަން ސަރުކާރުން އާ ކަމެއް ނުކުރާނެ ކަމަށާއި ދެ ރަށުގެ އިހުތިސޯސް ކަނޑައަޅާނީ މީގެ ކުރިންވެސް ދެ ރަށުގެ އިން ވަކިކުރަމުން އައި ގޮތަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، މިހާރު ފުވައްމުލަކު ސިޓީ އަށާއި އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެެރެއިން މިއަދު ހުޅުދޫއާއި މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ހުޅުދޫއާއި މީދޫ ރައްޔިތުން ވަނީ އެ ދެ ރަށުގައި ވަކިން ކައުންސިލެއް އުފެއްދުމަށް ސާޖު މެޖޯރިއަކުން ނިންމާފައި ކަމަށެވެ.

ނަމަވެސް ދެ ރަށުގައި ކައުންސިލް އުފެދިގެން އަންނައިރު ދެ ރަށުގެ އިހުތިސޯސް ނުވަތަ އިން ވަކިކުރާނެ ގޮތަކާމެދު އޮޅުންތަކެއް އަރައިފާނެ ކަމަށާއި އެކަން މިއަދު ސާފުކޮށްދެއްވަން ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރީ ޒަމާނުއްސުރެ ހުޅުދޫ އަދި މީދޫ ހިނގަމުން އައި ގޮތަކީ އަޅުގަނޑުމެން ވެސް ކުރިއަށް ގެންދާނެ ގޮތަކީ" ރައީސް ވިދާޅުވިއެވެ.

"ރަސްމީކޮށް ދެ ރަށުގެ އިން މި މަގުން ވަކިކުރެވިފައި ނެތް ކަމުގައި ވިޔަސް މި ދެ ރަށުގެ ރަށު އޮފީސް ހިންގި ދުވަސްވަރު ދެ ރަށުގައި އޭރު ތިއްބެވި ވެރިންގެ މެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ހުޅުދޫ އޮފީހުގެ އިދާރީ ހިންގުން މިންކުރެވިފައި އޮތީ އާބާދު މަގުގެ ދެކުނު ފަޅިއާ ހަމައަށް. މީދޫ އޮފީހުގެ ހިންގުން މިންކުރެވިފައި އޮތީ އާބާދު މަގުގެ އުތުރު ފަޅިިއާ ހަމައަށް"

ރައީސް ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލް އުފެދުނު ފަހުންވެސް ދެ ރަށުގެ އިން ވަކިކުރުމުގައި ބަލަމުން އައީ އެގޮތް ކަމަށެވެ.

"ހުޅުދޫ ކައުންސިލާއި މީދޫ ކައުންސިލްގެ އިހުތިސޯސް ކަނޑައެޅުމުގައި އިމެއްގެ ގޮތުގައި ސަރުކާރުން ބަލާނީ މެދު ބަނދަރަށް ދާ މަގުގެ ހުޅަނގު އުތުރު ފަޅިން ފެށިގެން ގޮސް ސ. އަތޮޅު މަދުރަސާގެ ދެކުނު އޮތް އާބާދު މަގު ސީދާ އިރަށް ދަމާލުމުން އެ މަގު ގޮސް ނިމޭ ހިސާބުގެ އިތުރު ފަޅިއަކީ މީދޫ ކަމަށް. ދެކުނު ފަޅިއަކީ ހުޅުދޫ ކަމުގައި،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ހުޅުދޫއާއި މީދޫ ރައްޔިތުން އެ މަނިކުފާނުގެ އަރިހުން އެދިވަޑައިގެންނެވީ ޒަމާނުއްސުރެ ކުރިމަތިވަމުން އަންނަ ބާކީ ކުރުމާއި ނިކަމެތިކަމަށް ނިމުމެއް ގެނެސް ދިނުމަށް ކަމަށެވެ. އެކަމަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ކަމަށާއި އެހެންވެ ގާނޫނެއްގެ ތެރެއިން ފެންނަ ނުފެންނަ ވޯޓުތައް ނެގޭނެ އިންތިޒާމުތައް ހަމަޖައްސައި އެ މަނިކުފާނު ވަނީ ރައްޔިތުންނާ ސުވާލެއް ކުރައްވާފައި ކަމަށެވެ.

ރައީސް ވިދާޅުވީ އެ ސުވާލުގެ ޖަވާބު ހުޅުދޫއާއި މީދޫ ރައްޔިތުން ވަނީ ވަރަށް ސާފުކޮށް ދެއްވައިފައެވެ.

"އާދެ، މިއީ ފެށުމެއް، މީ އިރާދަކުރެއްވިއްޔާ ތަރައްގީގެ ފެށުން. މި ދެ ރަށުގެ ލޮބުވެތި ރައްޔިތުން މިދިޔަ ގިނަ އަހަރުތަކުގެ ތެރޭގައި އުންމީދުކުރަމުން އައި ނުވެގޮސްފައިވާ، ހާސިލުނުވެފައިވާ ތަރައްގީ ހާސިލުކޮށްދިނުމުގެ ފެށުން ގޮތުގައި އިރާދަކުރެއްވިޔާ އަޅުގަނޑަށް ސިފަކުރެވޭ. އެއީ އެންމެ މުހިންމު އެއް ކަމަކީ އަސާސީ މުނިސިޕަލް ހިދުމަތްތަކާ، ރަށްވެހިކަމުގެ ހިދުމަތްތައް ރައްޔިތުންގެ ގާތުން، ރައްޔިތުން ބޭނުންވާ ގޮތަށް ދެވޭނެގޮތް ފަހިވެގެން ދިޔުން. އެއީ ކޮންމެ ދުވަހަކުމެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން. ރައްޔިތުން އެދޭގޮތަށް އެކަން ފަހިވެފަ އޮތުން،" ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުދޫ އަދި މީދުއަށް ވަކި ކައުންސިލެއް ރައްޔިތުން އައްޔަންކުރާނެ ކަމަށާއި އެހާ ހިސާބުން ވައުދު ފުއްދުނީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލަށް ބޭނުންވާ އިމާރާތާއި ވަސީލަތްތައް ފުރިހަމަކޮށްދޭން ޖެހޭނެ ކަމަށެވެ. ސަރުކާރުން މިހާރުވެސް ވަނީ އެ މަސައްކަތް ފަށައިފައިކަމަށް ރައީސް ވިދާޅުވިއެވެ. މުނިސިޕަލް ހިދުމަތް ދޭން ބޭނުންވާ އިމާރާތުގެ މަސައްކަތް އާ ކައުންސިލް އިންތިހާބުވާންވާއިރަށް ނިންމައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.