އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫ ބާކީކޮށް އެކަހެރިކުރުމާއި އެ ދެ ރަށް ނިކަމެތިކުރަމުން ދިޔަ ދިޔުން މިހާރު ނިމިފައިވާ ކަމަށާއި މިހާރު ވަނީ އެ ދެ ރަށުގެ ތަރައްގީގެ ކަންކަން ފެށިފައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، މިހާރު ފުވައްމުލަކު ސިޓީ އަށާއި އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެެރެއިން މިއަދު ހުޅުދޫއާއި މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ރައްޔިތުންނަށް ވައުދެއްވެއްޖިއްޔާ އެ ވައުދެއް ފުއްދައިދޭނެ ކަމަށާއި އެއީ އަމާނާތެއް ކަމަށެވެ. ރިޔާސީ އިންތިހާބުގައި އަދި އޭގެ ފަހުންވެސް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް އަމާނަތްތެރިކަމާއެކު ފުއްދައިދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުދޫއާއި މީދޫ ރައްޔިތުން އެ މަނިކުފާނުގެ އަރިހުން އެދިވަޑައިގެންނެވީ ޒަމާނުއްސުރެ ކުރިމަތިވަމުން އަންނަ ބާކީ ކުރުމާއި ނިކަމެތިކަމަށް ނިމުމެއް ގެނެސް ދިނުމަށް ކަމަށެވެ. އެކަމަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ކަމަށާއި އެހެންވެ ގާނޫނެއްގެ ތެރެއިން ފެންނަ ނުފެންނަ ވޯޓުތައް ނެގޭނެ އިންތިޒާމުތައް ހަމަޖައްސައި އެ މަނިކުފާނު ވަނީ ރައްޔިތުންނާ ސުވާލެއް ކުރައްވާފައި ކަމަށެވެ.

ރައީސް އޮފީހުން މިދިޔަ މަހުގެ 12 ވަނަ ދުވަހު ބުނެފައިވަނީ އައްޑޫ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެންނަން ފެނޭތޯ، އައްޑޫ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހިމެނޭ ސުވާލުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިސްލާހުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އެ ގަރާރުގައިވާ ގޮތުގެ މަތީން ހުޅުދޫއާއި މީދޫއާއި ފޭދޫގެ ނަމުގައި ކައުންސިލުތައް އުފައްދަން ސުވާލުތަކެއް ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

ހުޅުދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

1. އައްޑުއަތޮޅު ހުޅުދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

އައްޑުއަތޮޅު މީދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

1. އައްޑުއަތޮޅު މީދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

އެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖެހިގެން އައި ދުވަހު އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފައިވާ އިރު، އޭގައިވާ ގޮތުން ހުޅުދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 723 މީހަކު ވަނީ ވޯޓު ދީފައެވެ. ނުފެންނަކަމަށް ވޯޓު ދިނީ 329 މީހުންނެވެ. މީދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 847 މީހުން ވޯޓު ދިންއިރު ނުފެންނަކަމަށް ވޯޓު ދިނީ 144 މީހުންނެވެ.

އިންތިހާބުގެ ނާތީޖާއަށް އިޝާރަތްކުރައްވައި ރައީސް ވިދާޅުވީ އެ ސުވާލުގެ ޖަވާބު ހުޅުދޫއާއި މީދޫ ރައްޔިތުން ވަނީ ވަރަށް ސާފުކޮށް ދެއްވައިފައެވެ.

"އާދެ، މިއީ ފެށުމެއް، މީ އިރާދަކުރެއްވިއްޔާ ތަރައްގީގެ ފެށުން. މި ދެ ރަށުގެ ލޮބުވެތި ރައްޔިތުން މިދިޔަ ގިނަ އަހަރުތަކުގެ ތެރޭގައި އުންމީދުކުރަމުން އައި ނުވެގޮސްފައިވާ، ހާސިލުނުވެފައިވާ ތަރައްގީ ހާސިލުކޮށްދިނުމުގެ ފެށުން ގޮތުގާ އިރާދަކުރެއްވިޔާ އަޅުގަނޑަށް ސިފަކުރެވޭ. އެއީ އެންމެ މުހިންމު އެއް ކަމަކީ އަސާސީ މުނިސިޕަލް ހިދުމަތްތަކާ، ރަށްވެހިކަމުގެ ހިދުމަތްތައް ރައްޔިތުންގެ ގާތުން، ރައްޔިތުން ބޭނުންވާ ގޮތަށް ދެވޭނެގޮތް ފަހިވެގެން ދިޔުން. އެއީ ކޮންމެ ދުވަހަކުމެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން. ރައްޔިތުން އެދޭގޮތަށް އެކަން ފަހިވެފަ އޮތުން" ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުދޫ އަދި މީދޫއަށް ވަކި ކައުންސިލެއް ރައްޔިތުން އައްޔަންކުރާނެ ކަމަށާއި އެހާ ހިސާބުން ވައުދު ފުއްދުނީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލަށް ބޭނުންވާ އިމާރާތާއި ވަސީލަތްތައް ފުރިހަމަކޮށްދޭން ޖެހޭނެ ކަމަށެވެ. ސަރުކާރުން މިހާރުވެސް ވަނީ އެ މަސައްކަތް ފަށައިފައިކަމަށް ރައީސް ވިދާޅުވިއެވެ. މުނިސިޕަލް ހިދުމަތް ދޭން ބޭނުންވާ އިމާރާތުގެ މަސައްކަތް އާ ކައުންސިލް އިންތިހާބުވާންވާއިރަށް ނިންމައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ތިބޭނީ ރައްޔިތުންގެ އަތުގައި ހިފައިގެން، ރައްޔިތުން ބޭނުންވާ ހިސާބަކަށް ރައްޔިތުން ގެންގޮސްދޭންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހުޅޫދޫއާއި މީދޫގެ މީހުން ބޭނުން ކުރަނީ އެއް ސިއްހީ މަރުކަޒެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޒަމާނީ ފެންވަރުގެ 30 އެނދުގެ ހޮސްޕިޓަލެއް ހެދުމަށް މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާނެ ކަމަށެވެ. އެތަނުން ރަނގަޅު ފެންވަރެއްގެ ސިއްހީ ހިދުމަތް ލިބެން ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ސްކޫލަށް އިތުރުކުރެވިގެންދާ އޮފީސް ޖާގައާއި އެހެނިހެން ހިދުމަތް ދިނުމަށް ބޭނުންވާ ޖާގައިގެ ސަބަބުން ސްކޫލަށް ކުރިއެރުންތަކެއް ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މިއަދު ވަނީ މަގު ހެދުމުގެ މަަސައްކަތާއި ކުުނި މެނޭޖުކުރާ ނިޒާމެއްގެ މަސައްކަތް އަދި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ހެދުމުގެ މަޝްރޫއުގައި ސޮއިކޮށްފައިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހުޅުދޫއާއި މީދޫގައި ބޭންކިން ހިދުމަތް އެއްފެންވަރެއްގައި ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗުގެ މަސައްކަތް ފަށައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްްއައިބީ)ގެ އޭޓީއެމް މިއަދު ހުޅުވައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ދެ ރަށުގެ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިދުމަތް ދިނުމުގެ ބޭނުމުގައި ގިނަ ކަންތައްތަކެއް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުދޫގެ ކޭނިން ފެކްޓްރީގެ އިތުރު މަސައްކަތްތަކެއް ކުރުމަށް ބޭނުންވާ ޖާގަ އިތުރުކުރުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށެވެ. އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ބުރިޖުގެ މަސައްކަތުގެ އަޕްޑޭޓެއް ދެއްވަމުން ރައީސް ވިދާޅުވީ އިންޓަނޭޝަނަލް ބިޑިންއަށް ހުޅުވާލައިގެން ބުރިޖު ޑިޒައިން ކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. ހަމަސް ދުވަހުގެ ތެރޭގައި ހުރިހާ ޓެކްނިކަލް މައުލޫމާތެއް ހިމެނޭގޮތަށް ތިން ޑިޒައިނެއް އެ ކުންފުނިން ސަރުކާރަށް ހުށަހަޅާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެއީ އެއް މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށާއި އެއީ ދުނިޔޭގެ ފެންވަރުގައި އެފަދަ މަސައްކަތުގައި އެންމެ ކުރީގައި ހިމެނޭ އެއް ކުންފުނިކަމަށް ރައީސް ވިދާޅުވިއެވެ.

"ހަމަސް ދުވަހުގެ އެގްރީމެންޓެއް އެއޮތީ ހެދިފަ. މިހާރު މަސައްކަތް ފަށައިފި، މިދިޔަ މަހުން ފެށިގެން މަސައްކަތް ފެށީ. އެހެންވީމަ މިއަން މަހު މާޗު، އެޕްރީލް ހިސާބަށް ދާއިރު ސަރުކާރުން އެ ފަރާތަށް ހުށަހަޅާނެ މި ލިޔުންތައް. ހުށަހެޅީމަ ދެން އަޅުގަނޑުމެން އޭގެ ތެރެއިން އެ ތިން އޮޕްޝަންގެ ތެރެއިން އެއް ޑިޒައިން ޗޫސްކޮށްފަ، އަޅުގަނޑުމެން އެގްރީމެންޓު ހަދާނީ އިރާދަކުރެއްވިއްޔާ ހަމަ މިއަންނަ އަހަރުގެ ތެރޭގައި މި ބުރިޖުގެ މަސައްކަތް ފެށުމަކީ އަޅުގަނޑުމެންގެ އަމާޒު،" ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ބުރިޖާ ގުޅޭ ކަންކަން ދަނީ ރަސްމީކޮށް ހިނގަމުންކަމަށް ރައީސް ވިދާޅުވިއެވެ.