ފުވައްމުލަކު ސިޓީގައި 75 ހައުސިން ޔުނިޓު ގާއިމުކުރަން ގްލަޓް އިންވެސްޓްމަންޓްއާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އައްޑޫ އާއި ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ސިޓީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

އެ ރަސްމިއްޔާތުގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބުދުﷲ މުއްތަލިބެވެ. އަދި ގްލަޓް އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރު ނާފިއު އަބްދުއްރަހީމްއެވެ.

މި މަޝްރޫއު އެކުންފުންޏާ ހަވާލުކޮށްފައިވަނީ 101,250,000 ރުފިޔާއަށް 700 ދުވަސް ތެރޭގައި ނިންމުމަށެވެ.

މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ގާއިމު ކުރުމަށް ހަމަޖެހިފައިވަނީ ތިން ކޮޓަރީގެ 75 ހައުސިން ޔުނިޓް ކަމަށެވެ.

ފުވައްމުލަކުގައި 75 ހައުސިން ޔުނިޓް ގާއިމުކުރަން ހަވާލުކުރި އިރު، މިއަދު ވަނީ އެ ސިޓީގައި 400 ހައުސިން ޔުނިޓް ހެދުމުގެ އަމަލީ މަސައްކަތް ވެސް ފަށައިފައެވެ.