ޗައިނާއިން ފުރަތަމަ ފަހަރަށް ޖައްވުގައި އަވަން ބޭނުންކޮށްފިއެވެ.

ޗައިނާގެ އަމިއްލަ ސްޕޭސް ސްޓޭޝަންގައި ހަރަކާތްތެރިވާ އެސްޓްރަނައުޓުން އިއްޔެ ވަނީ ސްޕޭސް އަވަނެއް ބޭނުންކޮށްގެން ޖައްވުގައި ކުކުޅު ފިހެފައެވެ.

ރިޕޯޓުތަކުން ބުނީ ޗައިނާގެ ޝެންޒޯ 21 ސްޕޭސް ކްރާފްޓްގައި ޑެލިވާކުރި އެ އަވަން، ސްޕޭސް ސްޓޭޝަންގައި ބޭނުންކުރަން ފަށާފައިވާ ކަމަށާއި އެއީ ޖައްވީ ތާރީހުގައި ފުރަތަަމަ ފަހަރަށް އަވަނެއް ބޭނުންކުރި ފަހަރު ކަމަށެވެ.

އޮފިޝަލުން ބުނެފައިވާގޮތުގައި ސްޕޭސް އަވަން ބޭނުންކޮށްގެން ޖައްވުގައި އެކި ބާވަތުގެ މަސް ފިހެވުމުގެ އިތުރުން އެސްޓްރަނައުޓުން ކެއުމަށް ބޭނުންކުރާ ތަކެތި ހޫނު ކުރެވޭނެ ފަސޭހަ ގޮތެއް ގާއިމުކުރެވުނީއެވެ.

އޮފިޝަލުން ވަނީ އެ އަވަނުގެ ހޫނުމިން 100 އާއި 190 ޑިގްރީގައި ބޭނުން ކުރެވޭނެ ކަމަށާއި ހޫނު ވައި ބޭނުންކޮށްގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހޫނު ކުރެވޭނެ ކަމަށް ބުނެފައެވެ.