ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސްކުރާ ހެއްކާބެހޭ ގާނުނަށް އިސްލާހު ގެނައުމުގެ ބިލުން އެ ގާނޫނު ބައްޓަން ކުރަންވާނީ، ނޫސްވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ނާޒިމް މިއަދު ވިދާޅުވީ މަސްދަރު ހާމަކުރުމާ ބެހޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުން ހުރި މައްސަލަތައް ހައްލުކުރެވޭނެ ގޮތަށް މި އިސްލާހުގައި ބަޔާންކޮށްފައިވާ ކަމަށް، ސައުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވި، ބިލެތްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަސްލަމް ވިދާޅުވެފައިވާ ކަމަށެވެ.
"އެހެންވީމާ އެ ކަންތައްތައްވެސް ހަމަ ދިރާސާކޮށް، އަޅުގަނޑުމެން މަސްދަރު ހާމަކުރުމާ ބެހޭގޮތުން ނޫސްވެރިން އެ ބޭނުންވާ ގޮތަށް، ނޫނީ ހިމާޔަތާއި ރައްކާތެރިކަން ލިބޭނެ ގޮތަކަށް މި ގާނޫނު ބައްޓަން ކުރުމަކީ މުހިއްމުކަމެއް އަދި އެކަން މި ގެނެވޭ އިސްލާހުން ހާސިލުވާނެ ކަމަށް ބިލުގައި ވަރަށްބޮޑަށް ބާރު އަޅާފައިވޭ،" އޭނާ ވިދާޅުވިއެވެ.
މި ބިލުގައި ބުނެފައިވަނީ، މި ބިލު ހުށަހެޅުމުގެ ބޭނުންތަކުގެ ތެރޭގައި، ނޫސްވެރިންނަށް މައުލޫމާތުދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް މިހާރު އެ ގާނޫނުގައި އޮތްގޮތުން، ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ބޭނުންވާ އިސްލާހުތައް ގާނޫނަށް ގެނައުން ކަމަށްވެސް ބުނެފައިވެއެވެ.
ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި، ނޫސްވެރިން މަސްދަރު ހާމާކުރަން ޖެހޭ އިތުރު ހާލަތްތަކާއެކު ހައި ކޯޓުން އަމުރު ހޯދަން އެދޭ ގޮތް ވަނީ ހިމަނައިފައެވެ.
އެއީ މީގެކުރިން ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާ، އެ ގާނޫނުގެ 136 ވަނަ މާއްދާގައިވާ މަސްދަރު ހަމާކުރުމާ ގުޅޭ އުސޫލުތަކަށް ބަދަލު ގެނައުމަށް ހިމަނާފައިވާ އިސްލާހެކެވެ.
މަސްދަރު ހާމަކުރުމުގެ އަމުރަކަށް އެދި ހުށަހަޅާނެ ވަކި ކޯޓެއް މިހާރު އޮތް ގާނޫނުގައި ބަޔާންކޮށްފައި ނުވުމުން މެޖިސްޓްރޭޓް ކޯޓަކުން ވެސް އެފަދަ އަމުރެއް ހޯދުމަށް އެދުމުގެ ފުރުސަތު އޮވެއެވެ.
އެހެންކަމުން އެކަން ބަދަލުކުރުމަށް މި ބިލުގައި ހިމަނާފައިވަނީ، އެފަދަ އަމުރަކަށް އެދެެވޭނީ ހައި ކޯޓަށް ކަމަށެވެ. އަދި އެ ހުށަހެޅުމާ މެދު 24 ގަޑިއިރު ތެރޭ ކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށާއި، މައްސަލަ ރައްދުވާ ނޫސްވެރިޔާ ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނަށް އެ 24 ގަޑިއިރު ތެރޭ ޝަރީއަތުގައި ޖަވާބުދާރީވުމުގެ ފުރުސަތު ހައި ކޯޓުން ދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެކަމާ ގުޅޭގޮތުން ހައި ކޯޓުން ނިންމާ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން 10 ދުވަހުގެ މުއްދަތެއް ދޭން ބިލުގައި ވަނީ ހިމަނައިފައެވެ.
އިބްރާހިމް ޒަކީ
އަހުމަދު ނާޒިމު، މަޖިލީހުގެ ނައިބު ރައީސް
އަހުމަދު ނާޒިމު، މަޖިލީހުގެ ނައިބު ރައީސް
އަހުމަދު ނާޒިމު، މަޖިލީހުގެ ނައިބު ރައީސް