އާލިންގް ހާލަންޑް ޖެހި ދެ ގޯލުން ބޯންމައުތު ބަލިކޮށް، މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ސިޓީން ރޭ އަމިއްލަ ދަނޑުގައި ބޯންމައުތު ބަލިކުރި 3-1 ގެ ނަތީޖާއަކުންނެވެ. ސީޒަނުގެ ފުރަތަމަ ފަސް ވަރަކަށް ހަފުތާގައި ސިޓީއަށް އުނދަގޫތަކާ ދިމާވި ނަމަވެސް، އެޓީމުން އެންމެފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ މޮޅުވެފައެވެ. އެ ނަތީޖާއާއެކު ސިޓީ ތާވަލުގެ ދެވަނައަށް ޖެހިލީ 10 މެޗުން 19 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް އާސެނަލަށް 10 މެޗުން ލިބިފައި ވަނީ 25 ޕޮއިންޓެވެ.

ރޭގެ މެޗުގެ ކުރިންވެސް ރަނގަޅު ފޯމެއްގައި ހުރި ހާލަންޑް، މެޗުގެ 17 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނެވެ. ރަޔަން ޗެރްކީ ބޮލުން ޖައްސާލި ބޯޅަ ހާލަންޑް ގޯލަށް ފޮނުވާލީ ފަސޭހަކަމާއެކުގައެވެ.

އޭގެ އިރުކޮޅެއްފަހުން ބޯންމައުތު މެޗު އެއްވަރުކުރިއެވެ. އެލެކްސް ސްކޮޓް ނެގި ކޯނަރުގައި ޖިއާންލުއީޖީ ޑޮނަރޫމާ ޕަންޗުކުރި ބޯޅައިގައި ޓައިލާ އެޑަމް، ބޯޅަ ގޯލަށް ވައްދާލީ އެއްފަހަރުންނެވެ.

ހާފު ނިމުމުގެ ކުރިން އެލެކްސް ހިމެނޭޒާއި ނިކޯ އޮރައިލޭއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ސިޓީއަށް އަލުން ލީޑު ނަގައިދިނީވެސް ހާލަންޑެވެ. 33 ވަނަ މިނެޓުގައި އެ ގޯލަށްވެސް އެސިސްޓް ކޮށްދިނީ ޗެރްކީއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ބޯންމައުތުން ކޮންމެވެސް ވަރަކަށް ނުރައްކާ ކުރި ނަމަވެސް، 60 ވަނަ މިނެޓުގައި އޮރެއިލީ ޖެހި ގޯލުން ސިޓީ ލީޑު ފުޅާކުރިއެވެ. އެހިސާބުން އެޓީމުން ވަނީ މެޗުގެ ނަތީޖާ ޔަގީން ކޮށްފައެވެ.