އިންޑިއާއިން މިހާތަނަށް އުފެއްދި އެންމެ ބަރު ސެޓަލައިޓު ޖައްވަށް ފޮނުވައިފިއެވެ.

އިންޑިއާގެ ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން ކާމިޔާބުކަމާއެކު އިއްޔެ ޖައްވަށް ފޮނުވާލި އެ ސެޓަލައިޓަކީ އެ ގައުމުން މިހާތަނަށް އުފެއްދި އެންމެ ބަރު ސެޓަލައިޓު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާއިން ޖައްވަން ފޮނުވާލާފައިވަނީ ކޮމިއުނިކޭޝަން ސެޓަލައިޓެއް ކަމަށާއި އެ ސެޓަލައިޓު ފޮނުވާލާފައިވަނީ އެގައުމުގެ ސްރީހަރިކޯޓާ ސަރަހައްދުން ރޮކެޓެެއްގައި ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

ބަރުދަނުގައި 4،410 ކިލޯ ހުރި އެ ސެޓަލައިޓަކީ މަލްޓި ބޭންޑު ކޮމިއުނިކޭޝަން ސެޓަލައިޓެއް ކަމަށާއި ސެޓަލައިޓުގެ އެހީގައި އިންޑިއާ ކަނޑުގެ ބޮޑު ސަރަހައްދަކަށް އިންޑިއާއިން ސީދާ ގުޅިގެން ދާނެ ކަމަށް އިސްރޯ އިން ބުނެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އިސްރޯގެ ކާމިޔާބު މިޝަންގެ ކާމިޔާބު ފާހަގަކޮށް އެކަމުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވައިފައެވެ.