މިއަދު ހިނގި ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި ހާލު ސީރިއަސްވި ބިދޭސީ މީހާ މަރުވެއްޖެއެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ 32 އަހަރުގެ މަސްއޫދު ހަސަން ކަމަށެވެ.

މާލޭ އެމްޕީއެލާ ދިމާ ބޭރުގައި ހިނގި އެ ހާދިސާ މިއަދު 3:44 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ހާދިސާގައި 6 މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދިނެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ބިދޭސީންނާއި 4 ދިވެހީން ކަމަށެވެ.

އަދި މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގައި ތިބީ 14 މީހުން ކަމަށާއި އެ އެންމެންވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އިތުރު މައުލޫމާތު ލިބުނުހާ އަވަހަކަށް ހާމަކުރަމުންދާނެ ކަމަށެވެ.

އެމްއެންޑީއެފުންވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.