މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް 180 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެއެވެ.

އުރީދޫން އާންމުކުރި ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 549 މިލިއަން ރުފިޔާ ލިިބިފައިވެއެވެ. އެއީ އޭގެ ކުރީ އަރަހާ އަޅައި ބަލާއިރު 1 ޕަސަންޓުގެ ކުރިއެރުމެކެވެ.

އުރީދޫއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޯބައިލް ހިދުމަތްތަކުންނެވެ. އެގޮތުން އެ ހިދުމަތްތަކުން 404 މިލިއަން ރުފިޔާ ލިބުނުއިރު، ފިކްސްޑް ބްރޮޑްބޭންޑް އަދި އެންޓަޕްރައިޒް ހިދުމަތްތަކުން 143 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެ މުއްދަތުގައި އެ ކުންފުންޏަށް ވަނީ ސާފު ފައިދާގެ ގޮތުގައި 180 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 8 ޕަސަންޓުގެ އިތުރު އަދަދެކެވެ.

ތިން ވަނަ ކުއާޓަރުގައި އުރީދޫން ޑިޖިޓަލް ކަނެކްޓިވިޓީ ހަރުދަނާކޮށް، ފުޅާ ކުރުމަށް ބ. ތުޅާދޫ އާއި ހދ. ހަންޏާމީދޫގައި ފައިބާ ބްރޮޑްބޭންޑުގެ ހިދުމަތް ފަށައިފައެވެ.

މީގެ އިތުރުން އެހެން އަހަރުތަކެކޭވެސް އެއްގޮތަށް އުރީދޫ މަސް ރޭސް ވަނީ ކުރިއަށްގެންގޮސްފައެވެ.