ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އަންނަ 2026 ވަނަ އަހަރުގެ ބަޖެޓްގައި 19.7 މިލިޔަން ރުފިޔާ ހިމަނައިފިއެވެ.

އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓް ހިސާބުތަކަށް ބަލާއިރު، ކުރީގެ ހަތަރު ރައީސުންނަށް 19.7 މިލިޔަން ހިމަނާފައި ވަނީ ބޭސިކް އެލަވަންސް އާއި ލިވިން އެލަވަންސް އާއި ބޭސްފަރުވާ އާއި އޮފީސް ހިންގުމަށެވެ.

މިއީ މި ހިނގާ 2025 ވަނަ އަހަރު ރިވައިޒް ކުރި ބަޖެޓަށްވުރެ ކުޑަ އަދަދެކެވެ.

ހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ބަޖެޓު އިތުރުވީ ބައެއް ރައީސުންގެ ބޭސް ފަރުވާއަށް، ބަޖެޓުގައި ހިމެނި 700،000 ރުފިޔާއަށްވުރެ ގިނައިން ހަރަދުކޮށްފައިވާތީއެވެ.

އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް (1.1 މިލިއަން ރުފިޔާ) އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (1.6 މިލިއަން ރުފިޔާ) މި އަަހަރު ބަޖެޓް ކުރި މިންވަރަށްވުރެ އިތުރަށް ބޭސް ފަރުވާއަށް ހަރަދުކޮށްފައިވެއެވެ.

އެހެންކަމުން މިއަހަރުގެ ބަޖެޓްގައި 21 މިލިޔަން ރުފިޔާ ވަނީ ހިމަނައިފައެވެ.

ކުރީގެ ރައީސުންގެ އިނާޔަތް ބަޖެޓްގައި ހިމަނާފައިވާ ގޮތް:

  • ރައީސް މައުމޫން އަބްދުލްގައްޔޫމަށް 4.3 މިލިއަން
  • ރައީސް މުހައްމަދު ނަޝީދަށް 4 މިލިއަން
  • ރައީސް މުހައްމަދު ވަހީދު ހަސަން މަނިކަށް 3.4 މިލިއަން
  • ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް 4 މިލިއަން
  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 4 މިލިއަން