މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވަންޓުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފިއެވެ.

ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މާދަމާއިން ފެށިގެން ބޮޑުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ނިންމަވައިފައެވެ.

ސިވިލް ސާވަންޓުންގެ ތެރެއިން ފަންނީ ބައެއް ދާއިރާތަކުން މީގެ ކުރިން ވަނީ މުސާރަތައް ބޮޑުކޮށްފައެވެ. އޭގެ ތެރޭގައި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން ހިމެނެއެވެ. ނަމަވެސް އެ ދާއިރާތަކުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސްފައެއް ނުވެއެވެ.

ސިވިލް ސާވިސްގެ އެހެން މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތައް ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ އިރު، އޭގެ ތެރޭގައި އަސާސީ މުސާރަ އާއި އެކި ލެވެލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބޭ އެލަވަންސްތަކަށް ގެންނަ ބަދަލުތައް ވެސް ވަނީ ހިމަނައިފައެވެ.

އެގޮތުން އިދާރީ މަސައްކަތްތައް ކުރާ އެޑްމިނިސްޓްރޭޓިވް އޮފިސަރުންގެ މުސާރައަށް ބަލައިލާ އިރު، އެ މުވައްޒަފުންނަށް އަސާސީ މުސާރައިގެ ގޮތުގައި ދެން ލިބޭނީ 9،110 ރުފިޔާއެވެ. އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުންނަށް އަސާސީ މުސާރައިގެ ގޮތުގައި 8،190 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު، ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުންގެ އަސާސީ މުސާރައަކީ 9،560 ރުފިޔާއެވެ.

ޑިރެކްޓަރު ޖެނެރަލުންނަށް އަސާސީ މުސާރައިގެ ގޮތުގައި 16،870 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު، ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލުންނަށް އަސާސީ މުސާރައިގެ ގޮތުގައި ދެން ލިބޭނީ 15،800 ރުފިޔާއެވެ. ޑިރެކްޓަރުންގެ އަސާސީ މުސާރައަކީ 14،885 ރުފިޔާއެވެ. އަދި އެސިސްޓަންޓް ޑިރެކްޓަރުންގެ އަސާސީ މުސާރައަކީ 12،755 ރުފިޔާއެވެ.

އޭގެ އިތުރުން ވެސް ސިވިލް ސާވަންޓުންގެ ގޮތުގައި މަސައްކަތްކުރާ އެހެނިހެން މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުތައް ވެސް ވަނީ އާންމުކޮށްފައެވެ.