ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި އެ މަނިކުފާނުގެ ނަންފުޅު އޮންނާނެކަމުގެ ޔަގީންކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޕީއެންއެފްގެ ގައުމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީއެންއެފުން ފަށާ ދަތުރުގައި މާފުށީ ބަނދަރަށް ކައިރިކުރި ނަމަވެސް، އެ ރަށަށް ފައިބަން ބޭނުންފުޅުނުވާ ކަމަށާއި ކޯޓުތަކުގައި އެ މަނިކުފާނާ ދެކޮޅަށް މިހާރު ހިނގަމުންދާ މައްސަލައިގައި ވަކާލާތުކުރައްވާ ގާނޫނީ ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ސަރުކާރުގެ އެތެރެއިން ކަންކަން ހިނގާ ގޮތް، ރައްޔިތުންގެ މަޖިލީހުގައި ކަށަވަރު ބަސް ދެމުންދެމުން އެ އަންނަނީ ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި ނޯންނާނެއޭ. އެހެންވެއްޖެއްޔާ އެ ވޯޓުކަރުދާސް ދިވެހިރާއްޖެއަކު ނޫން ޗާޕުކުރާނީކީ. ރައީސް ޔާމީންގެ ނަން އިރާދަކުރެއްވިއްޔާ ވޯޓުކަރުދާހުގައި އޮންނާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނަކީ ވަކި ބޭފުޅެއްގެ ފޮޓޯ ޖައްސަވައިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށާއި މިދިޔަ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑުކޮށް ފެންނާނެ ފޮޓޯއަކީ އެ މަނިކުފާނުގެ ފޮޓޯފުޅު ކަމަށެވެ.

އުފަންވެގެން މި ދިޔައީ ވަރުގަދަ ޕާޓީއެއް ކަމަށާއި ހަމައެކަނި މާލެއިން ޕީއެންއެފްގެ ދަތުރު ފެށުމުގެ ބަދަލުގައި، އެ ޕާޓީގެ ދަތުރުގެ މަސައްކަތް ގައްލަންދޫ ކަނޑުން ފެށިގެން އައްޑޫ ކަނޑާ ދޭތެރޭގައި ކުރިއަށްދާނެ ކަމަށެވެ. އަދި އެ ޕާޓީގައި އެ މަސައްކަތުގައި ވަރުގަދަ ބޭފުޅުން ހިމެނޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ހުރިހާ ސިޔާސީ ލީޑަރުން ފެއިލްވެއްޖެ ކަމަށާއި ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ހަމައެކަނި ޕާޓީއަކީ ޕީއެންއެފް ކަމަށެވެ.