ދިރާގުން ސަސްޓެއިނަބިލިޓީއަށް ދޭ އިސްކަމުގެ ދަށުން، މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) ގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހާއްސަ ލަނޑުދަނޑިއެއް ހާސިލުކޮށްފިއެވެ.

ޑީއެމްއާރުއާރު ބޭއްވުމަށް ބޭނުންކުރި ކަރަންޓުގެ މިންވަރު ގްރިޑް-ޓައިޑް ސޯލާ ސިސްޓަމް މެދުވެރިކޮށް ދިރާގުން ވަނީ 100 ޕަސަންޓު އޮފް-ސެޓްކޮށްފައެވެ.

ދިރާގުން ބުނީ އެ އިސްނެގުމުގެ މަތިން، ރޯޑް ރޭސް ކުރިއަށްގެންދިޔަ ސަރަހައްދުގައި އެ ކުންފުނިން ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް މެދުވެރިކޮށް 1040 ކިލޯވޯޓުގެ އިއާދަކުރަނިވި ހަކަތަ އުފައްދައި، 645 ކިލޯގްރާމްގެ ސީއޯ2 ވައިގެ ތެރެއަށް ދިއުމުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

އެއީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ އިތުރުން، ދެމެހެއްޓިނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓެކްނޮލޮޖީ އަދާކުރާ މުހިންމު ދައުރު އިތުރަށް ދައްކުވައިދޭ ކަމެއް ކަމަށާއި އަދި އެއީ ތިމާވެއްޓަށް ގެއްލުން ނުވާނެހެން ޒިންމާދާރުކަމާއެކު އެފަދަ ބޮޑެތި ހަރަކާތްތައް ބޭއްވިދާނެކަން ސާބިތުކޮށްދޭ ކަމެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އެ ހަރަކާތުގައި ބޭނުންކޮށްފައިވާ ސޯލާ ޕެނަލްތައް ދެން ބޭނުންކުރާނީ އެ ކުންފުނިން މިހާރު ވެސް ކުރިއަށްގެންދާ ސޯލާ ޕްރޮޖެކްޓްތަކުގައި ކަމަށާއި އެ ޕްރޮޖެކްޓްގެ ދަށުން 95 ރަށެއްގައި ސޯލާ އިންސްޓަލޭޝަން ގާއިމުކޮށް އެ ކުންފުނީގެ އޮޕަރޭޝަންތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަމުންދާ ކަމަށެވެ.

"މިކަމުގެ ސަބަބުން މި ކުންފުނިން ބޭނުންކުރާ ޖުމުލަ ހަކަތައިގެ 19 ޕަސަންޓަކީ އިޔާދަކުރަނިވި ހަކަތައެވެ. އަދި މީގެ ސަބަބުން ކޮންމެ އަހަރަކު 2،053 ޓަނުގެ ސީއޯ2 ވައިގެ ތެރެއަށް ދިއުމުން ސަލާމަތްކޮށްދެއެވެ..،" ދިރާގުން ބުންޏެވެ.

އޭގެ އިތުރުން، އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް މަދުކުރުމަށް ދިރާގުން ދޭ އިސްކަމުގެ ދަށުން، 2019 ވަނަ އަހަރުން ފެށިގެން ޑީއެމްއާރުއާރުގައި ދުވުންތެރިންނަށް ހާއްސަ ވޯޓާ ސްޓޭޝަންތަކެއް މެދުވެރިކޮށް ވަނީ ފެން ފޯރުކޮށްދީފައެވެ. އެ އިސްނެގުމުގެ ދަށުން، މިއަހަރު 18،000 ޕްލާސްޓިކް ފެންފުޅި ވަނީ މަދުކުރެވިފައެވެ.

ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން ފުޅާކުރުމަށް އަދި ތިމާވެށި ރައްކާތެރިކުރުމަށް ހާއްސަ އަހައްމިއްޔަތުކަމެއްދީ، މުހިންމު ޕްރޮގްރާމްތައް ދަނީ ކުރިއަށްގެންދަމުންނެވެ.