ސަރުކާރުން ފަށައިފައިވާ އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުގެ ހޮޔޮ ނަތީޖާ އަންނަ އަހަރު ފެނިގެންދާނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅައިފައެވެ.

މަޖިލީހަށް ބަޖެޓު ހުށަހަޅުއްވައިދެއްވީ މިނިސްޓަރު ޒަމީރެވެ.

ބަޖެޓު ހުށަހަޅުއްވައިދެއްވަމުން ޒަމީރު ވިދާޅުވީ ރާއްޖޭގެ އިގުތިސާދުގެ ވަރުގަދަ ބިންގާގެ މައްޗަށް ބިނާކޮށް، 2026 ވަނަ އަހަރު ދައުލަތަށް ލިބޭ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ހުންނާނެކަމަށް ލަފާކުރެވެނީ 40.4 ބިލިއަން ރުފިޔާގައި ކަމަށެވެ. ޒަމީރު ވިދާޅުވީ މިއީ މިއަހަރަށް ލިބޭނެކަމަށް ލަފާކުރާ 37.9 ބިލިއަން ރުފިޔާގެ އާމްދަނީއަށް އަންނަ 6.6 ޕަސެންޓްގެ އިތުރުވުމެއް ކަމަށެވެ.

"2025 ވަނަ އަހަރު އާމްދަނީ އިތުރުކުރުމަށް ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކުގެ ފުރިހަމަ އަސަރު 2026 ވަނަ އަހަރު ފެނިގެންދާނެ. ފާއިތުވި އަހަރުތަކުގައި ގިނަ ޓެކުހާއި ފީގެ ރޭޓްތަކަށް ބަދަލުގެނެސްފައިވާ އިރު، އާމްދަނީ އިތުރުކުރުމުގެ އިތުރު ސިޔާސަތެއް މި އަހަރުގެ ބަޖެޓާއެކު ހުށަހަޅާފައެއް ނުވާނެ،" ޒަމީރު ވިދާޅުވިއެވެ.

އެއީ ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ހީނަރުކަމެއް އަޔަ ނުދިނުމަށް ކަމަށް ޒަމީރު ވިދާޅުވިއެވެ.

ނަމަވެސް ޓެކުހުގެ ގާނޫނުތައް ތަންފީޒުކުރުމުގެ ފުރިހަމަ ބާރުތައް ތަންފީޒީ އިދާރާތަކަށް ލިއްބައިދިނުމާއެކު، މިހާރު އެފަރާތްތަކަށް ދިމާވެފައިވާ ގާނޫނީ ގޮންޖެހުންތަކަށް އެކަށޭނަ ހައްލު ހޯދައިދެވުމުން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

އެގޮތުން، 2026 ވަނަ އަހަރު ޓެކުހުގެ އާމްދަނީގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ 8.7 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް ބެލެވޭ އިރު، ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭކަމަށް ޒަމީރު ވިދާޅުވިއެވެ.