މިއަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ހިނގާނީ ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައަށް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދުވަނީ ހުށަހަޅައިފައެވެ.

މަޖިލީހަށް ބަޖެޓު ހުށަހަޅުވައިދެއްވީ މިނިސްޓަރު ޒަމީރެވެ.

ޒަމީރު ވިދާޅުވީ 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމުލަ ހަރަދަކީ 49.2 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ މި އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ ހަރަދަށްވުރެ 11 ޕަސެންޓް އިތުރު މިންވަރެއްކަމަށް ޒަމީރު ވިދާޅުވިއެވެ.

"އަންނަ އަހަރުގެ ހަރަދު އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަންގެ ސިޔާސަތުގެ ދަށުން، ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ގެންނަން ރާވައިފައިވާ ބަދަލާ ގުޅިގެން އިތުރުވާ މުސާރަ އާއި އުޖޫރައިގެ ހަރަދު" ޒަމީރު ވިދާޅުވިއެވެ.

އާސަންދައިގެ ހަރަދުތައް ހަރުދަނާކުރުމަށް މިހާރު ތަންފީޒުކުރަމުން އަންނަ ސިޔާސަތުތަކާއެކު 2026 ވަނަ އަހަރު، އާސަންދައަށް ކުރެވޭ ހަރަދު މިހާރެކޭ އެއް މިންވަރެއްގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭކަމަށް ޒަމީރު ވިދާޅުވިއެވެ.

އަދި 2026 ވަނަ އަހަރުގެ ބަޖެޓުގައި ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.5 ބިލިއަން ރުފިޔާއަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންވަރެއް ކަމަށް ޒަމީރު ވިދާޅުވިއެވެ. ފިސްކަލް ފޯމިއުލާއެއްގެ ތެރެއިން ހުރިހާ ކައުންސިލްތަކަށް ދޭ އެހީ ދޭނެކަމަށާއި ބްލޮކް ގްރާންޓް ހަރަދުކުރެވޭ އުސޫލު ހަރުދަނާ ކުރުމުގެ ތެރެއިން އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ހަރަދުކުރުމަށް ބާރު އެޅޭނެ ގޮތަށް ބައްޓަންކުރުމަށް ވަނީ ނިންމާފައިކަމަށް ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން އަލަށް ޖުޑީޝަރީއަށް މާލީ މިނިވަންކަން ދިނުމަށް މިއަހަރު ނިންމާފައި ވުމުން، އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ބަޖެޓުގައި ޖުޑިޝަރީގެ ދާއިރާއަށް ހިނގާ ހަރަދު ވާނީ ގްރާންޓެއްގެ ގޮތުގައި ދިނުމަށްވެސް ނިންމާފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި 807.9 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައި ވާނެ ކަމަށާއި މިއީ މިހާރު މިދާއިރާއަށް ކުރެވޭ ހަރަދާ އަޅައިބަލާއިރު 250 މިލިއަން ރުފިޔާގެ އިތުރުވުމެއްކަން ޒަމީރު ފާހަގަކުރެެއްވިއެވެ.

މި އަހަރާ އަޅައިބަލާއިރު، ކެޕިޓަލް ހަރަދު 31.7 ޕަސެންޓްއިން އިތުރުވެ 9.3 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭކަމަށް ޒަމީރު ވިދާޅުވިއެވެ. ސަބަބަކީ، ހިނގަމުންދާ އަހަރުގެ ޕީއެސްއައިޕީ ސިޔާސަތު އަންނަ އަހަރުވެސް ހަމަ އެފަދައިން ކުރިއަށް ގެންދިޔުމާއެކު، އުމްރަނީ ތަރައްގީގެ އިތުރު މަޝްރޫއުތަކެއް އަންނަ އަހަރު ކުރިއަށް ގެންދިޔުން ނިންމާފައިވުން ކަމަށް ޒަމީރު ވިދާޅުވިއެވެ.