"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންސް ބިލު" ފާސްކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިޔާލު ތަފާތުވުން ބޮޑުވެ ބައެއް މެންބަރުންގެ މެދުގައި ހިނގި ކަންތައްގަނޑުގައި އެ ކޮމިޓީގެ މައިކަށް ލިބުނު ގެއްލުމުގެ އަގު 24،413 ރުފިފާއަށް އަރާ ކަމަށް ބުނެފިއެވެ.

އެދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ކޮމިޓީގެ މައިކެއް އޮން ކުރައްވައި ވާހަކަ ދައްކަވަން ފެއްޓެވުމުން، ކޮމިޓީގައި ނެތް މެންބަރަކަށް ވާހަކަ ނުދެއްކެވޭނެ ކަމަށް ވިދާޅުވެ، ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފް މައިކް ދައްމަވައިގަންނަވަން ފެއްޓެވިއެވެ.

މައިކަށް ގެއްލުން ލިބުނީ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު، މައިކްގެ ވާގަނޑުގައި ހިފަހައްޓަވައި މައިކް ދަމައިނުގަނެވޭތޯ މަސައްކަތް ކުރެއްވުމުގެ މަސައްކަތްގަނޑުގެ ތެރޭގައެވެ.

މި މައްސަލަ ބަލައި މައިކަށް ލިބުުނު ގެއްލުމާބެހެގޮތުން ގޮތެއް ނިންމައިދިނުމަށް އެދި އެ މައްސަލަ، މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

އެ މައްސަަލަ ކޮމިޓީން ދިރާސާ ކުރުމަށްފަހު ލިބުނު ގެއްލުމުގެ އަގު ކޮމިޓީއަށް ހުށަހަޅުމަށް މަޖިލީހުގެ އިދާރާއަށް ކޮމިޓީން އެންގިއެވެ.

މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ވިދާޅުވީ، އެ މައްސަލައިގައި މައިކަށް ލިބުނު ގެއްލުމުގެ އަގަކީ 24،413 ރުފިޔާ ކަމަށް އިދާރާއިން ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލައާބެހޭގޮތުން ކޮމިޓީގައި ބަހުސްކޮށް ގޮތެއް ނިންމަން އެދިވަޑައިގެންނެވިއެވެ.

މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ވިދާޅުވީ ކޮމިޓީ ބައްދަލުވުމުގެ ބޭރުން ބެލި ބެލުންތަކުން އިތުރަށް ޗެކް ކުރަންޖެހޭ ކަންތައްތަކެއްް ފާހަގަވާތީ އެ ކަންތައް ބެލުމަށްފަހު މި މައްސަލައިގައި ގޮތެއް ކަނޑައަޅަން ހުށަހަޅުއްވާ ކަމަށެވެ.

ތާއީދު ކުރެއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު ހުސެއިން ނާސިހު އެވެ.

ކޮމިޓީން ވަނީ އެ ހުށަހެޅުން ފާސްކޮށްފައެވެ.