ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ސޯޝަލް ހައުސިންގެ ދަށުން ފްލެޓް ލިބި ޑައުންޕޭމަންޓް ނުދެއްކި ތިބި، ފަރާތްތަކުގެ ތެރެއިން 14 ފަރާތެއްގެ ޑައުން ޕޭމަންޓް ޒަކާތު ފަންޑުން ދައްކައިދޭން ނިންމައިފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސް (އެމްޒެޑްއެޗް)އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވައިލައިފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް، ސޯޝަލް ހައުސިންގެ ތެރެއިން ސަރުކާރުން ދޭ ފްލެޓް/އެޕާޓްމަންޓް ޔުނިޓް ލިބި، އެ ޔުނިޓްތަކަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ނުދެއްކިގެން އުޅޭކަން ޒަކާތު ހައުސްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"އެހެންކަމުން މިކަން ޒަކާތު ކައުންސިލަށް ހުށަހަޅައި މަޝްވަރާކުރުމަށްފަހު ވަނީ އެ ފަރާތްތަކަށް ޒަކާތު ފަންޑުން ޑައުންޕޭމަންޓް ދައްކައިދިނުމަށް ނިންމައިފައެވެ. އެގޮތުން، 14 ފަރާތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ 340،000 (ތިން ލައްކަ ސާޅީސް ހާސް) ރުފިޔާ ޒަކާތު ފަންޑުން ދައްކައިދޭނެ" ޒަކާތު ހައުސްއިން ބުންޏެވެ.
އެ ފައިސާ ޒަކާތު ހައުސް އިން ސީދާ އެ ފަރާތްތަކުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށްދިނުމުގެ ބަދަލުގައި، ދައްކާނީ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާއަށްކަމަށް ޒަކާތު ހައުސްއިން ބުންޏެވެ. އަދި އެއަށްފަހު، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަގީރުކަމުގެ ހާލަތު އަލުން ރިވިއުކޮށް ބެލުމަށް ހަމެޖެހިފައިވާކަމަށް ވެސް ޒަކާތު ހައުސްއިން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަވައި، ފަގީރުންގެ ކަންކަމަށް ފުޅާ ދާއިރާއެއްގައި ހޭދަކުރުމުގެ މަސްއޫލިއްޔަތު ވަނީ ޒަކާތު ހައުސްއާ ހަވާލުކޮށްފައިކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
އެ މަސްއޫލިއްޔަތާއެކު، ފަގީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ހާލަތަކަށް ގެނައުމަކީވެސް ޒަކާތު ހައުސްގެ ވަރަށް މުހިއްމު މަގުސަދެއްކަމަށް ޒަކާތު ހައުސްއިން ބުންޏެވެ،
"އެގޮތުން، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް 'ޒަކާތު ބެނެފެޝިއަރީ ކާޑެއް' ތައާރުފު ކުރުމަށް ޒަކާތު ހައުސްއިން މަސައްކަތް ކުރަމުންދާކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
އެ ކާޑު ތައާރުފުވުމުން، ސިއްހީ ހިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ހަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދިނުމާއެކު، ރޯދަމަހު ކާބޯތަކެތި ގަތުމާއި، ބޯހިޔާވަހިކަމާއި ތައުލީމާ ގުޅުންހުރި އެހީތައް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.
އެކަންކަމަކީ، އިސްލާމީ ދުނިޔޭގައި ޒަކާތާ ބެހޭ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އަސާސީ ކަންކަންކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
މުހައްމަދު އިޝާން
ޒަކާތު ފަންޑު
ޒަކާތު ފަންޑު
ޒަކާތު ފަންޑު
ޒަކާތު ފަންޑު