މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 9.9 ޕަސަންޓު އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،804،515 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1،641،937 ފަތުރުވެރިންނެވެ. މިއީ %9.9 އިތުރުވުމެކެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ފަސް ގައުމު

  • ޗައިނާ: 291،573 ފަތުރުވެރިން
  • ރަޝިއާ: 223،857 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 159،615 ފަތުރުވެރިން
  • ޖަރުމަނުވިލާތް: 132،394 ފަތުރުވެރިން
  • އިޓަލީވިލާތް: 119،261 ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 73.8 ޕަސަންޓު ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށެވެ. ހޮޓާތަކާއި ގެސްޓުހައުސްތަކަށް 24 ޕަސަންޓު ފަތުރުވެރިން އައިއިރު ސަފާރީތަކަށް އައީ 2.1 ޕަސަންޓު ފަތުރުވެރިންނެވެ. އަދި އެހެނިހެން ތަންތަނަށް 0.1 ޕަސަންޓު ފަތުރުވެރިން އައިސްފައިވެއެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. ރާއްޖެއަށް މިހާރު އެވްރެޖުކޮށް ކޮންމެ ދުވަހަކު 6000 އެއްހާ ފަތުރުވެރިން އަންނައިރު އެ އަދަދު ހަމަކުރަން އިތުރަށް ބޭނުންވަނީ ފަސް ލައްކަ ފަތުރުވެރިންނެވެ.