އަންނަ އަހަރުގެ ބަންގްލަދޭޝްގައި ބާއްވާ ރިޔާސީ އިންތިހާބު އެތައް މިލިޔަން ބަޔަކު ބޮއިކޮޓް ކުރާނެ ކަމަށް އެ ގައުމުގެ ކުރީގެ ލީޑަރު ޝެއިހް ހަސީނާ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ފެބްރުއަރީގައި ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުން ހަސީނާގެ އަވާމީ ލީގު ބޭން ކޮށްފައިވާއިރު ހަސީނާ ވިދާޅުވީ އެ ޕާޓީއަށް ތާއީދުކުރާ މިލިއަނަކަށްވުރެން ގިނަ މީހުން އެބަތިބި ކަމަށާއި އެމީހުން އެ އިންތިހާބު ބޮއިކޮޓް ކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު ޔޫނުސް ވަނީ އެ ގައުމުގެ އެންޓި ޓެރަރިޒަމް ގާނޫނަށް ރިއާޔަތްކުރައްވައި ހަސީނާގެ އަވާމީ ލީގަށް އިންތިޚާބުތަކުގައި ވާދަ ނުކުރެވޭނެގޮތް ހައްދަވައިފައެވެ.

ޔޫނުސް ވިދާޅުވެފައިވާގޮތުގައި، އަވާމީ ލީގުގެ އިސް ލީޑަރުންގެ މައްޗަށް ގައުމީ ސަލާމަތަށް ނުރައްކާ ކުރުމާއި ހަނގުރާމައިގެ ކުށްތައް ކުރިކަމުގެ ތުހުމަތުގައި ތަހުގީގު ވެސް ވަނީ ފަށައިފައެވެ.

ބަންގްލަދޭޝްގެ އަވާމީ ލީގުގެ އިތުރުން އެ ގައުމުގެ ނެޝަނަލިސްޓު ޕާޓީގެ 126 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާކަމަށާއި އަންނަ އަހަރުގެ އިންތިހާބު ބޮއިކޮޓް ކޮށްފި ނަމަ އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފެދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.