ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހުސްނީ ވަނީ އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވައިފައެވެ. ޖޭއެސްސީން މިރޭ ވަނީ ހުސްނީ އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަންކޮށްފައިވާކަން އިއުލާނުކޮށްފައެވެ.

ޖޭއެސްސީއަށް، ހުސްނީ އައްޔަންކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ހުސްނީ، ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވި އިރު، ޖޭއެސްސީގެ މެންބަރުކަމުންނާއި ރައީސްގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް ވަނީ މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާދެއްވައިފައެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ރިޒާ އައްޔަންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ޖޭއެސްސީގެ ރައީސްގެ މަގާމަށް ރިޒާ އައްޔަންކުރައްވާފައިވަނީ 2024 ޖޫން 12 ވަނަ ދުވަހުގައެވެ. ޖޭއެސްސީގެ މެންބަރުކަމަށް ރިޒާ އިންތިހާބުކޮށްފައިވަނީ 2024 ޖޫން ހަތަރުވަނަ ދުވަހުގައެވެ.

ރިޒާ، ޖޭއެސްސީން އިސްތިއުފާ ދެއްވާފައިވަނިކޮށް މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ހުސްނީގެ ނަން ވަނީ ޖޭއެސްސީގެ މެންބަރުކަމަށް ހުށަހަޅުއްވައިފައެވެ. ހުސްނީގެ ނަން އެ މަގާމަށް ހުށަހެޅުއްްވީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. ތާއީދު ކުރެއްވީ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސްއެވެ.

ހަމަ އެ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ރިޒާގެ ބަދަލުގައި ހުސްނީ ޖޭއެސްސީއަށް އައްޔަންކުރަން ފާސްކޮށްފައެވެ.