ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޓްރެޝަރީ ފަންޑުތަކުގައި އިންވެސްޓުކޮށްފައިވާ އަދަދު ހުރީ 2014 އަދި 2016 ވަނަ އަހަރުވެސް އެ އަދަދު ހުރި މިންވަރުގައިކަމަށް އެ ބޭންކުގެ، ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ބީއެމްއެލުން މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި"ދިވެހީންގެ ބޭންކު މުޅިރާއްޖެ" ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން ޝަރީފުވަނީ ސަރުކާރުގެ ޓްރެޝަރީ ބިލްގައި ބޭންކުން ކޮށްފައިވާ އިންވެސްޓްމެންޓާ ބެހޭގޮތުންވެސް ވާހަކަދައްކަވައިފައެވެ.

ޝަރީފު ވިދާޅުވީ ބައިނަލް އަގުވާމީ ރިސްކް މިންގަޑުތަކާ އެއްގޮތަށް، ބޭންކުން ލޯނާއި ފައިނޭންސިން އަދި ސަރުކާރުގެ ޓްރެޝަރީ ބިލްއާއި އަދި އެހެނިހެން އިންވެސްޓްމެންޓްތައް، އަދި ރިލޭޓެޑް ޕާޓީ އެކްސްޕޯޝާއާއި ސިންގަލް ޕާޓީ އެކްސްޕޯޝާ އަދި ލިކުއިޑިޓީ ރޭޝިއޯ ފަދަ މުހިންމު މިންގަނޑުތައް ބޭންކުގެ ރިސްކް އެޕެޓައިޓްގައި ހިމަނައި ހަރުދަނާ މިންވަރެއްގައި ތްރެޝްހޯލްޑް ތަކާއިއެކު ބޭންކުގެ ބޯޑުން ކަނޑައަޅާ ބޭންކުގެ ރިސްކް މެނޭޖްމެންޓް ޕޮލިސީ އެކުލަވައިލައިފައިވާނެ ކަމަށެވެ،

ބޭންކުން އެ މިންގަނޑުތަކާ ހިލާފު ނުވާކަމަށް ޝަރީފު ވިދާޅުވިއެވެ.

"ބޭންކުގެ އެކްސެސް ފަންޑް އަޅުގަނޑުމެން އަބަދުވެސް ޓްރެޝަރީ ބިލްގައި އިންވެސްޓްކުރަން. މިގޮތުން ކެޕިޓަލް އިތުރުވާ ވަރަކުން، ލޯނު ފަދަ ކަންތަކުގައި އިންވެސްޓްކުރުމަށްފަހު އިތުރަށް ހުންނަ ލިކުއިޑިޓީ ޓީބިލްގަ އިންވެސްޓްކުރާ އަދަދުވެސް އިތުރުވަމުން ދޭ. އެހެންނަމަވެސް ބޭންކުގެ ކެޕިޓަލްގެ އިންސައްތައިން އަޅައިކިޔާއިރު ޓީބިލްގަ މިއަހަރު ހުރި މިންވަރަކީ 2014 އަދި 2016 ވަނަ އަހަރުގައި ވެސްހުރި މިންވަރުކަން ފާހަގަކޮށްލަން" ޝަރީފު ވިދާޅުވިއެވެ.

ސަރުކާރުގެ ޓްރެޝަރީބިލާއި އަދި އިސްލާމިކް އިންސްޓްރޫމެންޓްސް ތަކުގައި ބީއެމްއެލް އިން އިންވެސްޓްކޮށްފައިވާ ނިސްބަތަކީ މުޅި ޖުމުލައިގެ ގާތްގަނޑަކަށް 30 ޕަސެންޓުކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2018 ގައިވެސް އެކަން ކުރީ ހަމަ އެ ރޭޝިއޯގައި ކަމަށާއި އެހެންކަމުން ބޭންކުގެ ޑިޕޮޒިޓަރުންނާއި ހިއްސާދާރުންނަށް ޔަގީންކޮށްދެނީ، ބޭންކު ހިންގަމުންދަނީ ހަރުދަނާކަމާއި އެކު، އިންޓަނޭޝަނަލް ސްޓޭންޑާޑްސްތަކާއި އެއްގޮތަށްކަމަށް ވިދާޅުވިއެވެ.