މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް 475 މިލިއަން ރުފިޔާ ސާފު ފައިދާގެ ކުރިއެރުމެއް ލިބިއްޖެއެވެ.

ބީއެމްއެލުން މިއަދު ބުނީ ހިންގުމުގެ ފައިދާގެ ގޮތުގައި ކުންފުންޏަށް 791 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު 10 ޕަސަންޓުގެ ކުރިއެރުމެއްކަމަށް ބީއެމްއެލުން ބުންޏެވެ.

ބޭންކުން ދޫކުރާ ޖުމުލަ ލޯނުގެ އަދަދުތައް އިތުރުވަމުން އަންނަ ކަމަށާއި އެގޮތުން މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ބީއެމްއެލުން ބުންޏެވެ.

ކުންފުނީގެ ޖުމުލަ އެސެޓް 51.1 ބިލިއަން ރުފިޔާއަށް ތިންވަނަ ކުއާޓަރުގައި އަރައިފައިވާ ކަމަށާއި ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަމަށް ވެސް ބީއެމްއެލުން ބުންޏެވެ. އަދި ބުނީ ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށް ވުރެ މަތީގައި ދެމެހެއްޓިފައިވާ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލަށް ހާސިލުކުރެވިފައިވަނީ ފަހުރުވެރި މާލީ ނަތީޖާތަކެއް ކަމަށެވެ.

"މީގެ އިތުރުން އެކި މުޖުތަމައުތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި އިގްތިސާދީ ކުރިއެރުންތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތާ މެދު ވެސް އަޅުގަނޑުމެން ފަހުރުވެރިވޭ،" ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލުން ވަނީ މިދިޔަ ކުއާޓަރުގައި މުޅި ރާއްޖެއަށް ހިދުމަތްތައް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް މާލީ ހިދުމަތްތަކަށް ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކޮށްފައިކަމަށް ބީއެމްއެލުން ބުންޏެވެ.

އަދި "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން، މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 105 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، މި މަހުގެ ތެރޭގައި އެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލާފައިވާކަމަށް ބީއެމްއެލުން ބުންޏެވެ.