ފްރާންސްގެ މުއްސަނދި ކްލަބު ޕީއެސްޖީއަށް މިދިޔަ ސީޒަނުގައި ރެކޯޑު 837 މިލިއަން ޔޫރޯގެ އާމްދަނީއެއް ވަދެފައިވާ ކަމަށް އެ ކްލަބުން ބުނެފިއެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޕީއެސްޖީން އެކްލަބުގެ ފައިސާގެ ތަފްސީލުތައް އާއްމުކުރީ މިއަދުއެވެ. މިދިޔަ ސީޒަނުގައި އެންމެ ބޮޑު އާމްދަނީއެއް ވަން ކްލަބުތަކުގެ ލިސްޓްގެ ތިންވަނައިގައި އޮތް ޕީއެސްޖީއަށް މީގެ ކުރިން އެންމެ ބޮޑު އާމްދަނީއެއް ވަދެފައި ވަނީ 2023-24 ވަނަ އަހަރު ސީޒަނުގައެވެ. އެއީ 806 މިލިއަން ޔޫރޯއެވެ.

ޕީއެސްޖީން މިދިޔަ ސީޒަނުގައި އެ ރެކޯޑު މުގުރާލާފައިވާ އިރު، އެކްލަބަށް އިޝްތިހާރުތަކުން 367 މިލިއަން ޔޫރޯ ލިބިފައިވެއެވެ. އޭގެ އިތުރުން މެޗު ކުޅޭ ދުވަސްތަކުން ލިބުނު ފައިސާގެ ގޮތުގައި 175 މިލިއަން ޔޫރޯ ކްލަބަށް ވަދެފައިވެއެވެ. މިދިޔަ ސީޒަނުގައި ޕީއެސްޖީ ކުޅުނު 170 މެޗެއްގައި އެޓީމު ކުޅުނީ ފުލް ސްޓޭޑިއަމްގައެވެ.

މިދިޔަ ސީޒަނަކީ ޕީއެސްޖީއަށް އެންމެ ކާމިޔާބު އެއް ސީޒަނެވެ. ޕީއެސްޖީން ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ލީގު ކަޕްގެ އިތުރުން ލީގުވެސް ކާމިޔާބުކޮށް، ޓްރެބަލް ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން އެޓީމުން ކްލަބު ވޯލްޑް ކަޕްގެ ފައިނަލަށްވެސް ގޮސް، އޭގެންވެސް ފައިދާ ހޯދާފައިވެއެވެ.

ގަތަރު ސްޕޯޓްސް އިންވެސްޓްމެންޓްސްއިން ޕީއެސްޖީ ގަތީ 2011 ވަނަ އަހަރުއެވެ. ޕީއެސްޖީއަށް ރެކޯޑު އާމްދަނީއެއް ވަދެފައިވީ ނަމަވެސް، މިދިޔަ ސީޒަނުގައި އެ ކްލަބަށްވީ 60 މިލިއަން ޔޫރޯގެ ގެއްލުމެކެވެ. އެއީ ހަރަދު ބޮޑުވުމުންނެވެ.