ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް (ޓާމިނަލް -1) އަކީ، ސަލާމަތީ ގޮތުން ފުރިހަމަ ޓާމިނަލެކެވެ. އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްގެން ހެދި އެ ޓާމިނަލު އެއްކޮށް ސީސީޓީވީ ފޫޓޭޖުން ކަވަރުވާއިރު، ޓާމިނަލް ބޭނުންކުރާ މީހުނަށް ފަސޭހައަކަށް ކުރީގެ ބާ ޓާމިނަލުން އާ ޓާމިނަލަށް ދާން އޮތީ، ފުޅާ ދިގު ވޯކްވޭއެއް ހަދައިފައެވެ. އެ ވޯކްވޭގައިވެސް ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރެއެވެ. އެ ތަނުން ވައްކަމެއް ނުވަތަ ފޭރުމެއް ހިންގުމަކީ ނާދިރުކަމެއް ކަމުގައި ގަބޫލުކުރަން ޖެހޭ ސަބަބުތައް ގިނައެވެ. ނަމަވެސް ސެކިއުރިޓީ ފޫއަޅުވާލައި، އެތައް ބައެއްގެ ލޯ ކުރިމަތީގައި، މި ބުނާ ވޯކްވޭގެ ތެރެއިން މިދިޔަ އާދިއްތަ ދުވަހުގެ ފަތިހު މިވަނީ 130،000 ޑޮލަރު ހުރި ބްރީފް ކޭހެއް ފޭރިގެންފައެވެ.
މާސްކް އަޅައިގެން ތިބި ބަޔަކު، ވަޅީން ބިރު ދެއްކުމަށްފަހު، އެ ޑޮލަރުތައް ފޭރިގެންފައިވަނީ ފުލުހުންގެ ސެކިއުރިޓީ ނެތި ޑޮލަރު ގެންދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފެއްގެ އަތުންނެވެ. ޑޮލަރުތައް ފޭރުނު މީހުން ހުއްޓުވަން މަސައްކަތްކުރި ސެކިއުރިޓީއެއްގެ ގަޔަށް އެ މީހުން ޕެޕާ ސްޕްރޭ ޖެހި ކަމަށްވެސް ވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، އެ ފޭރުމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ އާދިއްތަ ދުވަހުގެ ފަތިހު 4:45 އެހައިކަންހާއިރުއެވެ.
މަންޒަރު ދުށް ބައެއް ފަރާތްތަކުން "ވަން" އަށް ބުނި ގޮތުގައި ފޭރުމުގައި ހަރަކާތްތެރިވި މީހުން ބްރީފް ކޭސް ހިފައިގެން ދުވެފައި ގޮސް އެރީ އެ ވަގުތު އެ މީހުން ބަލައި އައިސް އޮތް ކުޑަ ލޯންޗަކަށެވެ. އެ ލޯންޗަށް އަރައިގެން އެ މީހުން ފިލީއެވެ.
މި ހާދިސާ ކިޔާލުމުން ސިފަވަނީ ހޮލީވުޑްގެ ފިލްމެއްގެ މަންޒަރެކެވެ. އެކަމަކު މިއީ ރާއްޖޭގެ މައި އެއާޕޯޓު ތެރޭގައި ހިނގި، ގަބޫލުކުރަން ދަތި ސީރިއަސް ހާދިސާއެކެވެ.
ދެން އުފެދޭ ސުވާލުތައް މާ ގިނައެވެ. ލޯންޗުގައި އެ މީހުން ދިޔައީ ކޮންތަނަކަށް ހެއްޔެވެ؟ އެ މީހުން އެ ވަރު ބޮޑު ފޭރުމެއް ހިންގީ ކިހިނެއް ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު ހޯދުމަށް އަތްފުނާއަޅަމުން ދަނިކޮށް އާދިއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވަނީ ފޭރުމުގެ ބައިވެރިން ހައްޔަރުކުރި ކަމާއި އެ މީހުން ފިލަން މަސައްކަތްކުރި ލޯންޗުވެސް ހޯދައިފައިވާ ކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ. ފުލުހުންގެ ތަހުގީގަށް އައްސަރިބަހާއި ސާބަސްވެސް ދެއްވައިފައެވެ. އެކަމަކު އެ މީހުންގެ ވަނަވަރެއް އެ މީހުން ހައްޔަރުކުރި ތަނެއް އެއިރު ވިދާޅެއް ނުވެއެވެ.
ފޭރުމުގެ ބައިވެރީން ހައްޔަރުކުރި ހިސާބުން "ވަން"ގެ ނިއުސް ޓީމުން އެ މައްސަލައިގައި ނުފޮރުޅާ ހުރި ގާތައް ފުރޮޅުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް އެނގުނީ އެ މީހުން ހައްޔަރުކުރީ ވީއައިއޭއިން ސްޕީޑް ބޯޓެއްގައި ވިއްސަކަށް މިނެޓުން ދެވޭހާ ކައިރީގައި އޮތް ހުރައިން ކަމެވެ. "ވަން"ގެ ޓީމުން އެ މީހުންގެ ވަނަވަރުވެސް ޔަގީނާ ގާތަށް ހޯދި ފަހުން، ފުލުހުން އިއްޔެ މެންދުރު ފަހު ވަނީ އެ މީހުންގެ ވަނަވަރާއި ފޮޓޯ އާންމުކޮށްފައެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުން
- މާޒިން މޫސާ، 25، ރޭޝަމް / ލ. މާވަށް
- އަހްމަދު ރައިހާން ނައީމް، 20، މ. ކޯރަސް
- އިބްރާހީމް އަނޫފް، 24، އަޅިވިލާގެ، ކ. ގުރައިދޫ
- ހުސައިން ޝަހުދު، 30، އަޅިވިލާގެ، ކ. ގުރައިދޫ
މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިސާ ފޭރުނު މީހުންގެ ތެރެއިން ރައިހާނު އާއި މާޒިން އެ ކަމަށް ތައްޔާރުވެގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔައީ ކާރެއްގައެވެ. މޫނު ނިވާކޮށްގެން ތިބެ ވަޅީން ބިރު ދައްކައި ފައިސާތައް ފޭރުނީ ރައިހާން އާއި މާޒިން ކަމަށްވެސް މާއުލޫމާތު ލިބިފައިވެއެވެ. އެ ދެ މީހުންނަކީވެސް މާރާމާރީއާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮތް މީހުންކަން އެނގިފައިވެއެވެ. އެ މީހުން ވީއައިއޭއަށް ދިޔައިރު، އެ މީހުން ބަލައި، ލޯންޗުގައި ތިބީ ޝަހުދުއާއި އަނޫފެވެ. އެއީ އެ މީހުން ދުއްވާ ލޯންޗެއް ކަމަށްވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ހުރައިން އެ މީހުން ހައްޔަރުކޮށް މިހާރު ވަނީ ބަންދަށް ފަސް ދުވަސް ޖަހައިފައެވެ. ނަމަވެސް އެއީ ކޮން ކޯޓަކުން ކަމެއް ނުބުނެއެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި އެ މީހުންނަށް މުއްދަތު ޖެހީ ހުރާ މެޖިސްޓްރޭޓް ކޯޓުންނެވެ. ފޭރުމުގެ ތުހުމަތުވާ މާޒިންގެ ވަކީލު ހަމްޒާ ލަތީފްވެސް "ވަން" އަށް ވަނީ، ބަންދު މަޖިލީހަށް ހާޒިރުވި އައިއޯއަށް ވަކީލުން ރަސްމީކޮށް އައްޔަންވިކަން އަންގާފައި ނުވާ ކަމަށާއި އައިއޯއަށް ފޯނުން ގުޅައި ދެންނެވި ނަމަވެސް، އަޑުއެހުން ބާއްވާ ކޯޓު އަންގަން ވަކީލުންނަށް ގުޅާފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
ފޭރުމުގެ ބައިވެރީން ހައްޔަރުކޮށް ބަންދުކުރުމަށްފަހު، ތަހުގީގު ދަނީ ބާރަށް ކުރިއަށެވެ. ނަމަވެސް ފޭރުނު ޑޮލަރު އަދިވެސް ހޯދިފައި ނުވެއެވެ. އެހެންވެ، ފުލުހުންގެ ބޮޑު ޓީމެއް އަންނަނީ ހުރާގައި އަތްފުނާ އަޅަމުންނެވެ.
ފޭރުމުގެ ބައިވެރީން ހުރާއަށް؟ ކީއްވެ؟
ފޭރުމުގެ ބައިވެރިން ހުރައިން ހައްޔަރުކުރިއިރު، އެ މީހުން ފިލަން ވިޔަސް ނުވަތަ އެ ނޫން ބޭނުމެއްގައި ނަމަވެސް ހުރާ އިހްތިޔާރުކުރަން ޖެހުނީ ކީއްވެބާއޭ ހިތަށް އަރައިފާނެއެވެ. އެ މީހުންނަށް މާލެ ކައިރީގެ އެހެން ތަނަކަށްވެސް ދެވުނީހެވެ. ނަމަވެސް ފޭރުމުގެ ބައިވެރީންނަށް ހުރާ ހާއްސަވާ ވަރަށް ބޮޑު ސަބަބެއް އެބައޮތެވެ. އެއީ ފޭރުނު މީހުން ފިލަން ގެންގުޅުނު ލޯންޗަކީ، ހުރާގައި ދިރިއުޅޭ ގުރައިދޫ މީހެއްގެ ލޯންޗަކަށް ވުމެވެ. އެ ލޯންޗުގެ ވެރި ފަރާތަކީ، މައްސަލައިގައި ހައްޔަރުކުރި ދެބެން ކަމަށްވާ އަނޫފް އާއި ޝަހުދުގެ ބޭބެއެވެ. އޭނާއަކީ ހުރާ ކައިރީގައި އޮންނަ ފޯ ސީޒަން ރިސޯޓުގައި މަސައްކަތް ކުރާ ނިޝާން ކިޔާ މީހެކެވެ. އޭނާ އިނދެގެން އުޅެނީ، ހުރާ މީހަކާއެވެ. ފޭރުމުގެ ބައިވެރީން ހުރައަށް ގޮސް ފުރަތަމަވެސް ދިޔައީ ނިޝާންގެ އަންހެނުންގެ ގޭގައި ހަދާފައިވާ ގެސްޓުހައުސް ކަމަށްވާ "ލެސްޓް ގޯ" އަށެވެ. އެ ގެސްޓު ހައުސް ހިންގަނީވެސް ނިޝާންގެ އަންހެނުންގެ ފިރިހެން ކޮއްކޮއެކެވެ. އެ މީހާއަކީ ޝަހުދުއާއި އަނޫފްއާވެސް ގާތް މީހެކެވެ. މީގެ ކުރީންވެސް އެ މީހުން އެ ގެސްޓުހައުސްއަށް ގޮސް އުޅޭކަމަށްވެއެވެ.
ހުރައިން "ވަން" އަށް މައުލޫމާތު ލިބުނު ގޮތުގައި ފޭރުމުގެ ބައިވެރީން އެ ރަށަށް ގޮސްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 8:40 ހާއިރުއެވެ. ގެސްޓުހައުސް ހުންނަނީ ބަނދަރާ ވަރަށް ކައިރީގައި ކަމުން ލޯންޗުން ފައިބައިގެން ހިނގާފައި އެ ގެސްޓުހައުސަށް ދެތިން މިނެޓުން ދެވޭނެ އެވެ. އެކަމަށް ބުރަވެނީ، "ވަން" އަށް ފެނިފައިވާ ގެސްޓު ހައުސް އެތެރޭގެ ސީސީޓީވީ ފޫޓޭޖަކުންނެވެ. ހައެއްކަ މިނެޓުގެ އެ ފޫޓޭޖުން، ގެސްޓު ހައުސް ތެރޭގައި ފޭރުމުގެ ބައިވެރީން ހަރަކާތްތެރިވާ މަންޒަރާއި އެ މީހުން އެތަނުގައި ގިނަ އަދަދެއްގެ ޑޮލަރާއި ފައިސާ ގުނާ މަންޒަރު ފެނެއެވެ.
ސީސީޓީވީ ފޫޓޭޖުން ފެނުނު ބޮޑު މަންޒަރު!
ގެސްޓުހައުސްގެ އެއް ކަނެއްގައި ލަކުނޑިން ހަދައި ވަރުނީސްކޮށްފައި ހުރި ކައުންޓަރެއް ކަހަލަ ތަނެއްގައި ބައިންދާފައި ހުރި ސީސީޓީވީގެ މަންޒަރުތައް "ވަން"ގެ ނޫސްވެރީންނަށް ފެނިފައިވާއިރު، އެއިން ފެންނަ ގޮތުގައި ފޭރުމުގެ ތުހުމަތުވާ މީހުންގެ ތެރެއިން ގެސްޓުހައުސް ތެރެޔަށް ވަންނަނީ މާޒިން އާއި ޝަހުދުގެ އިތުރުން ރައިހާނެވެ. އެ މީހުން އެ ގެސްޓު ހައުސަށް ވަންނަނީ އާދިއްތަ ދުވަހުގެ ހެނދުނު 8:42 ގައެވެ.
އެ މީހުން ވަންނަނީ ހުދު ކުލައިގެ ޕްލާސްޓިކް ކޮތަޅެއްވެސް ހިފައިގެންނެވެ. ފެންނަ ފެނުމަށް އޭގައި ހުރީ އެކި ކަހަލަގެ ކާއެއްޗެހިތަކެވެ. ނަމަވެސް ފޫޓޭޖު އެހާ ސާފު ނުވުމުން އޭގައި އަސްލު ހުރި ހުރިހާ އެއްޗެއް ސާފެއް ނުވެއެވެ. ގެސްޓުހައުސަށް ވަން ގޮތަށް އެ މީހުން އެ ތަނުގައި ހުރި ކަޅު ކުލައިގެ ސޯފާއެއްގައި އިށީނދެ ތިބޭ މަންޒަރުވެސް ފޫޓޭޖުން ފެނެއެވެ. އިރުކޮޅެއް ފަހުން އެންމެން އެއްކޮށް ބޭރަށް ގޮސް އަލުން ގެސްޓުހައުސްގެ އެތެރެއަށް ވަނީ އާދިއްތަ ދުވަހުގެ ހެނދުނު 8:59 ގައެވެ. އެ ފަހަރު ވަން ގޮތަށް، މާޒިން އާއި ޝަހުދު އިށީނީ ސޯފާގައެެވެ. ރައިހާނު ކޮޅަށް ހުރިއިރު، މާޒިންގެ ޖީބުން ރުފިޔާގެ ބޮނޑިއެއް ނަގައި ގުނަން ފަށައެވެ. ފެންނަ ގޮތުގައި އޭގައި ހުރީ 500ރ ނޫޓާއި 100ރގެ ނޫޓާއި 20ރގެ ނޫޓެވެ. މާޒިންއާ ޖެހިގެން ހުރި ޝަހުދުގެ ޖީބުންވެސް ދެ އިންޗި ބޯމިން ހުންނަ ވަރުގެ 100 ޑޮލަރުގެ ނޫޓު ހުރި ދެ ބޮނޑިއެއް ނަގައި ގުނާން ފަށައެވެ. ޝަހުދު ޑޮލަރުތައް ގުނުމުގައި ދެ މިނެޓެއްވަރު ހޭދަކުރެއެވެ. އެ މީހުން އަދަދެއްގެ ވާހަކަވެސް ދައްކައެވެ. ނަމަވެސް އަޑު ނުސާފުކަމުން އެ މީހުން ކީ އެއްޗެއް ސާފެއް ނޫނެވެ. ލަފާކުރެވޭ ގޮތުގައި އެއިން ކޮންމެ ބޮނޑިއެއްގައި 10،000 ޑޮލަރު ހުންނާނެ އެވެ. އެހެންކަމުން އެ މީހުން އެ ވަގުތު ގެންގުޅުނީ 20،000 ޑޮލަރުކަމަށް ބެލެވިދާނެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ގެސްޓުހައުސްގައި ޑޮލަރު ގުނުމަށް ފަހު އެ މީހުން ދެން ދިޔައީ އެ ރަށުގެ ދެކުނު ފަރާތުގައި ހުންނަ "ލިމްސް" ރެސްޓޯރެންޓަށެވެ. އެ ތަނުގައި މޭޒެއްގައި ތިބެވެސް އެ މީހުން ޑޮލަރު ގުނި ކަމަށް ރަށުގެ ބައެއް މީހުން "ވަން" އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. ފުލުހުން ރޭގެ ވަގުތެއްގައި ވަނީ އެތަނުގެ ސީސީޓީވީ ފޫޓޭޖުވެސް ބަލައިފައެވެ. އިއްޔެގެ ވަގުތެއްގައި އެ ސަރަހައްދު ބަލައިފާސްކޮށްފައިވެސް ވެއެވެ.
އެނގިފައިވާ ގޮތުގައި، ޑޮލަރުތައް ފޭރުނު މީހުން ހައްޔަރުކުރުމާ ދެމެދު ހުރާގައި ތިން ގަޑިއިރެއްހާއިރު މިނިވަންކަމާއެކު އެކި ތަންތަނަށް ގޮސް އުޅުނެވެ. ފުލުހުން އެ މީހުން ހައްޔަރުކުރީ ބަނދަރު ސަރަހައްދުގައި ހުރި ޖޯއްޔެއްގައި ތިއްބައި އިއްޔެ ހެނދުނު 11:30 ހާއިރުއެެވެ. އެ މީހުން ހައްޔަރުކުރިއިރުވެސް އެ މީހުންގެ މޫނު މަތިން ހާސްކަމެއް ނުފެންނަ ކަމަށް މަންޒަރު ދުށް ބައެއް ފަރާތްތަކުން "ވަން" އަށް ބުންޏެވެ. އެއިރުވެސް އެ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް މައުލޫމާތު ލިބެއެވެ.
"އެ މީހުން ޖޯލީގައި ތިބެ އެތަނުން ދިޔަ ފުލުހަކާ ދިމާލަށް ބުނި ކަމަށްވޭ "ބޮއިގެންނޭ" މިތިބީ. ފުލުހުންވެސް އެއިރު އަޅައެއް ނުލާ" މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ކިޔައިދިނެވެ.
ޑޮލަރެއް ނުފެނޭ، އަދިވެސް ހޯދަނީ!
ފޭރުމުގެ ބައިވެރީން ހައްޔަރުކުރިއިރު، އެ މީހުންގެ އަތުން ފެނުނީ ތިންހާހެއްހައި ރުފިޔާ ކަމަށް މައުލޫމާތު ލިބެއެވެ. އެ މީހުންގެ އަތުން އެއްވެސް ޑޮލަރެއް ނުފެއެވެ. އެ މީހުން ހުރާގައި ޑޮލަރު ފޮރުވީ ކަމަށް ބަލައި ފުލުހުންގެ ޓީމަކުން ހުރާ އަތްފުނާއަޅަމުން އަންނައިރު، ފުރަތަމަ ބަލައިފާސްކުރީ އެ މީހުން މަޑުކުރި ގެސްޓުހައުސެވެ. އެ ތަނުގެ ސީލިންގާއި ފުރާޅުވެސް ބެލިއެވެ. އެއަށް ފަހު ކައިރި ސަރަހައްދުތައް ބަލައި ހޭޅިފަށްވެސް ބެލިއެވެ. އަދި ރަށުގެ ހުޅަނގު ފަރާތުގައި އޮންނަ "ބުރުގާ" ބީޗުވެސް ބަލައިފާސްކޮށް އެހެން ބައެއް ދިމަދިމާވެސް ބަލައިފާސްކުރިއެވެ.
ރޭގެ ވަގުތެއްގައި، ގެސްޓުހައުސް ހިންގާ މީހާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، އޭނާގެ ފޯނުވެސް ހިފެހެއްޓިއެވެ. އަދި ފޭރުމުގައި ބައިވެރިވި ދެބޭންގެ ބޭބެ ދިރިއުޅޭ ގެ ވެސް ބަލައި ފާސްކުރިއެވެ. ނަމަވެސް އެ ތަންތަނުންވެސް އެއްވެސް އެއްޗެއް ފުލުހުންނަށް ފެނިފައެއް ނުވެއެވެ. ގެތަކާއި ތަންތަން ބަލައިފާސްކުރުމުގައި މުޅީންވެސް ހަރަކާތްތެރިވަނީ ކުލަ ހެދުމުގައި ތިބި ފުލުހުންނެވެ. އެ މީހުން ތަންތަން ބަލައި ފާސްކުރަނީ ކޯޑައުންކޮށް ބަންދުކޮށްގެނެއް ނޫނެވެ.
ފުލުހުންނަށްވެސް އޮޅުވައިލީތަ؟
ކޮންމެ ގޮތެއްވިޔަސް މިއީ ވަރަށް ރާވައިގެން ހިސާބު ޖަހައިގެން ފޭރިގަތް ޑޮލަރުތަކެކެވެ. އެއީ ބޭންކުން ޑޮލަރު އެ ދުވަހު ގެންދާ ގަޑި ފޭރުމުގެ ބައިވެރީންނަށް ދުރާލައި އެނގުމާއި ފުލުހުންގެ ސެކިއުރިޓީވެސް ނެތްކަން އެ މީހުންނަށް އެނގިފައިވުމެވެ. އަދި ޑޮލަރުތައް ފޭރިގަނެގެން ފިލުމުގެ ބޭނުމުގައިކަމުގައިވީ ނަމަވެސް ނުވަތަ އެހެން ބޭނުމެއްގައިކަމުގައިވީ ނަމަވެސް ހުރާއަށް ގޮސް އެ މީހުން އުޅުނު އުޅުމުން ހާސްކަމެއް ކަންބޮޑުވުމެއް ފެންނަން ނެތަތީއެވެ. ހައްޔަރުކޮށްގެން ގެންދިޔައިރުވެސް ފެނުނީ ހިނިތުންވުމެވެ. ފަހަރުގައި، އެއީ އެ މީހުން ބޭނުންވި ގޮތް ކަމަށްވެސް ވެދާނެއެވެ. ޑޮލަރުތައް ފޮރުވާފައި ފުލުހުން "ގުއިރޯނުގައި" ޖެއްސުނީކަމަށް ހީވަނީކަމަށްވެސް ވެދާނެއެވެ.
އެކަމަށް ބާރު ލިބޭ ވާހަކައެއްވެސް ރަށު ތެރޭ އޮތީ ފެތުރިފައެވެ. އެއީ، އާދިއްތަ ދުވަހުގެ ފަތިހު 5:30 ހާއިރު ފޭރުމުގެ ބައިވެރިން ހުރާއަށް ގޮސް އެ ރަށުގައި އުޅުމަށްފަހު އަނެއްކާވެސް ފުރި ވާހަކައެކެވެ. އެ މަންޒަރުވެސް ބައެއް މީހުންނަށް ފެނުނު ކަމަށްވެއެވެ. ނަމަވެސް އެކަން ޔަގީން ކުރެވޭ ގޮތެއް ނުވެއެވެ. ހުރައަށް ދިއުމުގެ ކުރީން އެ މީހުން ހުޅުމާލެއާއި ވިލިނގިއްޔަށް މަޑުކުރިކަމަށްވެސް ވެއެވެ. ނަމަވެސް އެ ކަމަށް ބާރުދޭ އެއްވެސް ކަމެއް އަދި ހޯދިފައެއް ނުވެއެވެ. ފުލުހުންވެސް އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ފޭރުމުގެ ބައިވެރިން ހުރައަށް ދިޔަ ލޯންޗުން ރަލާއި މަސްތުވާތަކެތި ފެނުމަކީވެސް އިއްތިފާގެއް ނޫނެވެ. އެއީ ހަގީގީ މައްސަލަ އޮޅުވާލުމުގެ ނިޔަތުގައި ފޭރުމުގެ ބައިވެރީން ކުޅުނު ގޭމެއްކަމަށްވެސް ވެދާނެއެވެ. މި ބޮޑު "ހެއިސްޓު"ގެ ތިލަ ނުވާ އެތައް ކަމެއް އަދިވެސް އަންނާނެއެވެ. ސުވާލަކީ ޑޮލަރުތައް ހަގީގަތުގައި ވެސް ހުރީ ހުރާގައި ހެއްޔެވެ؟ ނުވަތަ ފޭރުމުގެ އެހެން ތަނެއްގައި ހެއްޔެވެ؟ އެބުނާ ގޮތުން ވިލިނގިލީގައި، ނޫނީ ހުޅުމާލޭގައި ނުވަތަ އެހެން ތަނެއްގައި ހެއްޔެވެ؟ ފޭރުމުގެ ބައިވެރީން ލޯންޗުގައި އެންމެ ފުރަތަމަ ހުރަޔަށް ގޮސް، އެ ރަށުން ފުރައިގެން ދިޔައީ ކޮން ތަނަކަށް ހެއްޔެވެ؟ އޭގެ އެތައް އިރެއް ފަހުން އަނެއްކާ ހުރަޔަށް ގޮސް ހައްޔަރުކުރުމާ ހަމަޔަށް ހަމަޖެހިލައިގެން އެ ތިބީ ކީއްވެހެއްޔެވެ؟
ވައްކަމާއި ފޭރުން
ވައްކަމާއި ފޭރުން
ވައްކަމާއި ފޭރުން