ދުނިޔޭގެ އެތައް މިލިއަން އީމެއިލް ބޭނުންކުރާ ފަރާތްތަކެއް، އޭގެ ތެރޭގައި ގޫގުލްގެ ޖީމެއިލް އެކައުންޓްތައްވެސް ހިމެނޭ ގޮތަށް، ނުރައްކަލުގެ ތެރެއަށް ވައްޓާލާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ބޮޑު ޑޭޓާ ލީކުގެ ސަބަބުން 183 މިލިއަން އީމެއިލް އެކައުންޓުގެ ޕާސްވޯޑް އާއްމުވެފައިވާކަމަށް ހަބަރުތައް ބުނެއެވެ.
'ހޭވް އައި ބީން ޕޯންޑް' ނަމަކަށް ކިޔާ ވެބްސައިޓެއް ހިންގާ އޮސްޓްރޭލިއަން ސެކިއުރިޓީ ރިސާޗަރެއް ކަމަށްވާ ޓްރޯއި ހަންޓް ބުނީ، އިންޓަނެޓުން ފެންނަން ފަށާފައިވާ ވަގަށް ނަގާފައިވާ މައުލޫމާތުތަކުގައި 3.5 ޓެރާބައިޓްގެ ޑޭޓާ ހިމެނޭ ކަމަށެވެ. ނިއުޔޯކް ޕޯސްޓުން ރިޕޯޓްކުރި ގޮތުގައި، ލީކުވެފައިވާ ޑޭޓާސެޓްގައި 183 މިލިއަން ވަކިވަކި އެކައުންޓްތަކުގެ މައުލޫމާތު ހިމެނޭއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 16.4 މިލިއަން އެކައުންޓަކީ ކުރިން އެއްވެސް ޑޭޓާ ލީކެއްގައި ހިމެނިފައި ނުވާ އެކައުންޓްތަކެވެ.
މައުލޫމާތު ރައްކާތެރިތޯ ބަލާނެ ގޮތް:
ތިބާގެ އީމެއިލް އެކައުންޓް މި ޑޭޓާ ލީކުގެ އަސަރުކޮށްފައިވޭތޯ ބެލުމަށް، 'HaveIBeenPwned.com' ވެބްސައިޓަށް ޒިޔާރަތްކޮށް، އީމެއިލް އެޑްރެސް ޖަހައިގެން ބެލިދާނެއެވެ. މި ވެބްސައިޓުން އީމެއިލް އެޑްރެސް ބްރީޗް ވެފައިވާނަމަ އެކަން ހިނގައިދިޔަ ތާރީޚީ މައުލޫމާތުތައްވެސް ދައްކައިދެއެވެ.
ޓްރޯއި ހަންޓް ބުނީ، ތިބާގެ އީމެއިލް އެޑްރެސް މި ލިސްޓްގައި ހިމެނިފައި ވާނަމަ، އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެ އެކައުންޓްގެ ޕާސްވޯޑް ބަދަލުކުރުމާއި، އަދި ޓޫ ފެކްޓާ އޮތަންޓިކޭޝަން އެނޭބަލް ކުރުމެވެ.
ޑޭޓާ ވަގަށްނެގީ ކިހިނެއް؟
ހަންޓް، އޭނާގެ ބްލޮގް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ލީކުވެފައިވާ މައުލޫމާތުތައް ހޯދާފައިވަނީ 'ސްޓީލާ ލޮގްސް' މެދުވެރިކޮށެވެ. މިއީ "އިންފޯސްޓީލާސް" ނަމަކަށް ކިޔާ ނުރައްކާތެރި މޮޑިއުލްތަކުން އުފައްދާ ޑޭޓާ ފައިލްތަކެކެވެ. "މިސާލަކަށް، ޖީމެއިލަށް ލޮގިން ވާ މީހެއްގެ އީމެއިލް އެޑްރެހާއި ޕާސްވޯޑް ޖީމެއިލުން ނެގިގެން ދާނެ،" ހަންޓް ލިޔެފައިވެއެވެ. މިކަމުގައި "ވެބްސައިޓް އެޑްރެސް"، "އީމެއިލް އެޑްރެސް" އަދި "ޕާސްވޯޑް" ލީކުވާ ކަމަށް އޭނާ އިތުރަށް ބުނެއެވެ.
ގޫގުލްގެ ތަރުޖަމާނަކު ބުނީ "ބޭނުންކުރާ ފަރާތްތަކަށް އަސަރުކުރީ ޖީމެއިލް ސެކިއުރިޓީ 'ބްރީޗެއް' ގެ ރިޕޯޓްތަކަކީ މުޅިން ގޯސް އަދި ނުސީދާ މައުލޫމާތުތަކެއް" ކަމަށެވެ. "މިކަންކަން ހިނގަނީ 'އިންފޯސްޓީލާ އެކްޓިވިޓީ' އާ ގުޅިގެން ޕާސްވޯޑް ވަގަށް ނެގުމުގެ ޑާޓާބޭސްތަކަށް ކުރިއަށްދާ އަޕްޑޭޓްތަކެއް ނުސީދާކޮށް ދޭހަކުރުމުގެ ސަބަބުންނެވެ. މީގެ މާނައަކީ ވަކި ފަރާތަކަށް، ނުވަތަ ޕްލެޓްފޯމަކަށް ނުވަތަ ވަކި އުފެއްދުމަކަށް އަމާޒުކޮށް ހިންގާ ހަމަލާއެއް ނޫން،" ތަރުޖަމާނު ބުންޏެވެ.
ގޫގުލް ބޭނުންކުރާ ފަރާތްތަކަށް އެ ކުންފުނިން އިލްތިމާސްކުރަނީ، ޓޫ ފެކްޓާ އޮތެންޓިކޭޝަން ބޭނުންކުރުމާއި، ޕާސްވޯޑްގެ ބަދަލުގައި އިތުރަށް ރައްކާތެރި 'ޕާސްކީސް' ބޭނުންކުރުމާއި، މިފަދަ ބޮޑެތި ޑޭޓާ ލީކުތަކުގައި ޕާސްވޯޑް ހާމަވެފައި ވާނަމަ، ޕާސްވޯޑް ބަދަލުކުރުން ފަދަ ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތައް އަޅައި، އެފަދަ ކަންކަމުން ރައްކާތެރިވުމަށެވެ.
ގޫގުލް
ގޫގުލް
ގޫގުލް
ގޫގުލް