ޅ. ކުރެންދޫގެ ބައެއްގެ ގޮތުގައި އެ ރަށް ކައިރީގައި އޮންނަ ޅޮސްއަލަފުށި ހަމަޖައްސައިދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ކ. އަތޮޅު އަދި ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޅ. ކުރެންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރަމުން އަންނަނީ ރައްޔިތުންގެ އެދޭގޮތަށް ރައްޔިތުންގެ އުންމީދުތައް ހާސިލުވާނެ ގޮތަކަށް އަދި ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދޭނެ ގޮތަށް ކަމަށެވެ.

"އަޅުގަނޑު ވާނީ ރައްޔިތުންނަށް ދަންނަވާފަ. މިތާ ކައިރީގައި އޮތް ޅޮސްއަލަފުށި މިރަށުގެ ބަޔަކަށް ހެދުމަށް މަސައްކަތް ކޮށްދޭނެކަމަށް. އެ މަސައްކަތް ކުރަމުން މިދަނީ. އެނގިވަޑައިގަންނަވާނެ ފަދައިން އެރަށަކީ ކުރީގެ ސަރުކާރަކުން އެހެން މަޝްރޫއެއްގެ ބޭނުމަކަށް ހަވާލުކޮށްފަ އޮތް ރަށެއް. އެހެންވީމަ އެފަރާތުން ދެ ޕާޓީއަކާއެކު އެގްރިމަންޓް ހަދާފަ އޮތް ރަށަކަށް ވާތީ އެގްރިމަންޓްގެ ޓާމްސްތަކާއި ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން އެރަށް ދައުލަތަށް ގެއްލުން ނުވާގޮތަށް ނަގައި ތިބޭފުޅުންނަށް އަޅުގަނޑު ދެންނެވި ފަދައިން ހަވާލުކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ." ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރެންދޫގެ ބިން މިހާރު ފުރިފައިވާ ކަމަށެވެ. އެހެންވެ ރަށުގެ ބިމުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރެންދޫ ބިން ފުރިފައިވުމުން ހައުސިން މަޝްރޫއެއް ކުރިއަށް ގެންދާނެ ޖާގަ ނެތް ކަމަށެވެ. ކުރެންދޫގައި މިހާރު ކުރިއަށްދާ 50 ހައުސިން ޔުނިޓުން، ރަށުގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޅޮސްއަލަފުށްޓަކީ، ކުރެންދޫގެ ބައެއްގެ ގޮތުގައި ހިމެނުން މުހިންމުވަނީ އެހެންވެގެންކަމަށް ރައީސް ވިދާޅުވިއެވެ.