އަތޮޅު ކައުންސިލްތައް އުވާލުވުމުން ސަލާމަތް ކުރެވޭ ފައިސާ ހަރަދުކުރާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކަންކަމާއި ރައްޔިތުންނަށް ކުއްލިއަކަށް ދިމާވާ ކަންތައްތަކަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން މިއަންނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކުގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް އިސްލާހުން ގެނެސް އަތޮޅު ކައުންސިލް އުވާލުން ހިމެނެއެވެ.
ރައީސް މުއިއްޒު، ކ. އަތޮޅު އަދި ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޅ. އޮޅުވެލިފުށިއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމުން، ރަށު ކައުންސިލްތަކުގެ ބަޖެޓު އިތުރުވެގެންދާނެ ކަމަށެވެ. ނަމަވެސް އެގޮތަށް ލިބޭ ފައިސާ ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމަށް ހަރަދުކުރުން ކައުންސިލްތަކައް މަޖުބޫރުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"މިގޮތަށް ބަލާއިރުގަ މި އިތުރުވާ ފައިސާ، ބަހާލެވޭ ފައިސާ ކޮންމެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް އެ ރަށެއްގައި ހުންނަ، އިޖުތިމާއީ ގޮތުން ރައްޔިތުންގެ ތެރޭގައި ހުރި ވަލްނަރަބަލް ނޫނިއްޔާ އެހީ ބޭނުންވާ ފަރާތްތަކަށް، އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަށްކަމުގައިވިޔަސް، އެކިކަހަލަ އެހީތެރިކަން ބޭނުންވާ ފަރާތަށްވިޔަސް، އެމަޖެންސީކޮށް ދިމާވާ ކަންކަމުގައިވިޔަސް، މިހެން ހުންނަ އެހީތެރިކަން ބޭނުންވާ ދިމަދިމާލަށް، އެހީތެރިކަން ދެވޭގޮތަށް ކައުންސިލްގެ ބަޖެޓަށް މި އިތުރުކުރާ ފައިސާ ބޭނުންކުރުން ލާޒިމުވާ ގޮތަށް އަޅުގަނޑުމެން ކައުންސިލްތަކަށް މި ބަޖެޓު، އިތުރުވާ ބަޖެޓް މި ހަމަޖައްސަނީ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލައި، ކައުންސިލްތަކަށް ދޭ ފައިސާ އެ ނޫން އެއްވެސް ބޭނުމެއްގައި ބޭނުން ނުކުރެވޭނެ ކަމަށެވެ.
"ކައުންސިލްތަކުގެ މެންޑޭޓުގެ ގާނޫނުގަ އޮންނާނެ ވަރަށް ބައިވަރު ކަންކަން. އޭގެ ތެރޭގައި އޮންނާނެ އިޖުތިމާއީ ގޮތުން ރައްޔިތުންނަށް ކަންކަންކޮށްދިނުން. އެ އިޖުތިމާއީ ރައްކާތެރިކަން ހޯދަދިނުން އޮންނާނެ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް. އެ ޒިންމާއަދާކުރުމަށް ބޭނުންވާ ފައިސާ މިދެނީ" ރައީސް ވިދާޅުވިއެވެ.
އޮޅުވެލިފުށީގެ ރަށުގެ ތަރައްގީއަށް އަލިއަޅުއްވާލައި ރައީސް ވިދާޅުވީ ތަރައްގީގެ ފަސް މަޝްރޫއުތަކެއްގެ ބިންގާ މިއަދު އަޅައިފައިވާ ކަމަށާއި އަދި ފަސް މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އެ މަޝްރޫއުތަކަކީ ރަށުގެ ތަރައްގީއަށް ބޭނުންތެރި މަސައްކަތްތަކެއް ކަމަށެވެ.
އެގޮތުން ބަނދަރުގެ މަޝްރޫއަކީ ރަށުގެ ކުރިމަގަމަށް މުހިންމު މަޝްރޫއެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއަކީ ރަށަށް ބޭނުންވާ ޒަރޫރީކަމެއް ކަމަށާއި 15 ހެކްޓަރުގެ ބިން ރަށުން ހިއްކައިދޭނެ ކަމަށެވެ. ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްދާއިރު ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި އޮޑިދޯނި އެހެލާ ސަރަހައްދެއް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ފުޓްބޯޅަ ދަނޑުގެ ލައިޓް ޖެހުމާއި ޗޭންޖިން ރޫމު ހެދުމުގެ މަސައްކަތް މިއަންނަ އަހަރު ބަޔަކާ ހަވާލުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. ކައުންސިލް އިދާރާގެ އޮފީހާއި ފުލުހުންގެ މަރުކަޒުގެ މަސައްކަތް އަދި ކީރިތި ގުރުއާނާބެހޭ މަރުޖަޒުގެ ގޮތްޕެއް ހެދުމުގެ މަސައްކަތް މިހާރު ފަށައިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ދެން އަންނަ ރޯދަމަހެއްގެ ކުރިން މުޅި ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ފެނަކަ ކޯޕަރޭޝަނަށް ސަރުކާރުގެ ތެރެއިން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ލިބިގެންދާނެ ކަމަށެވެ. ކައުންސިލް އިދާރާއިން ހަދަމުންދާ ވޮލީ ކޯޓަށް ސަރުކާރުގެ ފަރާތުން ވަރަށް އަވަހަށް ފައިސާ ލިބިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރަށުގެ ސްކޫލުގެ 10 ކްލާސްރޫމް ހެދުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓިފައިކަމަށާއި އެ މަސައްކަތް ކުރާ ކުންފުންޏަށް ސަރުކާރުން ދޭންޖެހެނީ ގާތްގަޑަކަށް 100،000 ރުފިޔާކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ސްކޫލު މަޝްރޫއާ އަޅާބަލާއިރު ބޮޑު އަދަދެއްނޫން ކަމަށާއި އެޑިއުކޭޝަން މިނިސްޓްރީން ދަނީ އެ ކުންފުންޏާއި ވާހަކަދައްކައިގެން މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މަޝްވަރާ ކުރަމުންކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ރައީސް ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން މަސައްކަތް ކުރިއަށް ނުގެންދާނަމަ އެއްބަސްވުން ބާތިލުކުރާނެ ކަމަށެވެ.
އެއީ އަމިއްލަ ކުންފުންޏެއްވުމުން ސަރުކާރުން ބޭނުންވާ ގޮތަކަށް ކަންކަން ކުރަން ދަތިތަކެއް ދިމާވާ ކަމަށާއި ސަރުކާރު ކުންފުންޏެއް ނަމަ ސަރުކާރުން ބޭނުންވާ ގޮތަކަށް އަދި އަވަސް މިނެއްގައި މަޝްރޫއުތައް ކުރިއަށް ގެންދަން ފަސޭހަތަކެއް ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރަށުގެ މަގު ހެދުމުގެ މަސައްކަތްވެސް ސަރުކާރުން ވަރަށް އަވަހަށް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. ދެން ހުރި ވައުދުތަކުގެ މަސައްކަތް މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވަނީވެސް ދެ އަހަރަށް ބަހާލައިގެން، މިއަހަރާއި މިއަންނަ އަހަރަށް ބަހާލައިގެން މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދަންކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ސިޓީ ކައުންސިލް ވެސް އުވާލަންވީ. އަތޮޅުވެރިޔަކާ ކަތީބަކާ ކުޑަ ކަތީބަކު ލީމާ ހަމަ ޖެހޭވޗ
ސައްލޭ - 8 މަސް ކުރިން