ދުބާއީ ކްރީކްގެ މަތީގައި އުފައްދަން ހަމަޖެހިފައިވާ "ޑޫމާ" (DUMA) ނަމަކަށް ކިޔާ ބޮޑު މިޔުޒިއަމްގެ މަސައްކަތް ފަށައިފިއެވެ. މިއީ ދުބާއީގެ އިމާރާތްތަކުގެ ތެރެއަށް އާ ބަދަލެއް ގެނެސްދޭނެ ފަދަ ހިތްގައިމު ތަނެކެވެ.

ވަރަށް ޗާލުކޮށް ފަރުމާކޮށްފައިވާ މި ތަނަކީ، ދުބާއީގެ މުއްސަނދި ސަގާފީ ތަރިކައާއެކު، ޒަމާނީ ފަންނާއި އީޖާދީ ހުނަރުގެ މައި މަރުކަޒެއްގެ ގޮތުގައި ފާހަގަކުރެވޭނެ ތަނެކެވެ. ޑޫމާ ވެގެންދާނީ ހަމައެކަނި މިޔުޒިއަމަކަށް ނޫން ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒަމާނީ ފަންނާއި އީޖާދީ ހުނަރުގެ ތަޖުރިބާތަކަށް މީހުން ޖަމާވާ މަންޒިލަކަށް އެތަން ވާނެ ކަމަށް ހަަބަރުތައް ބުނެއެވެ.

މި މަޝްރޫއު އިއުލާން ކޮށްފައިވަނީ ޔޫއޭއީގެ ނައިބު ރައީސާއި ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް އެވެ. ޝެއިޚް މުހައްމަދު މި މަޝްރޫއަށް އިޝާރާތް ކުރައްވައި ވިދާޅުވީ، "މިއީ ދުބާއީގެ ސަގާފަތާއި، ޙަޟާރަތާއި، ފަންނުވެރިކަން ދައްކުވައިދޭނެ، ދުބާއީ ކްރީކްގެ މަތީގައި އުފެދޭ މިޔުޒިއަމެއް" ކަމަށެވެ. މިކަމަކީ ދުބާއީގެ މަޝްހޫރު އިމާރާތްތަކަށާއި، އާކިޓެކްޗަރަލް މަންޒަރުތަކަށް އާ ބަދަލެއް ގެނެސްދޭނެ ކަމެއް ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫއުގައި ޕްރައިވެޓް ސެކްޓަރުގެ ދައުރު ފާހަގަކުރައްވައި ޝެއިޚް މުހައްމަދު ވަނީ އަބްދުﷲ އަލް ފުއްތައިމްއާއި އެމަނިކުފާނުގެ ދަރިކަލުން އުމަރު މި މަޝްރޫއަށް ދެއްވި އެހީތެރިކަމަށް ތައުރީފު ކުރައްވާފައެވެ.

ޖަޕާނުގެ މަޝްހޫރު އާކިޓެކްޓް ތަޑާއޯ އެންޑޯ ފަރުމާކޮށްފައިވާ ޑޫމާގެ އިމާރާތް ބިނާކުރެވޭނީ ފެނާއި، އުޑާއި، ވައިގެ އިތުރުން އަލިކަމުގެ ތެރެއިންނެވެ. މިތަން ފަރުމާކޮށްފައިވަނީ އީޖާދީ ހުނަރާއި ގުދުރަތީ ރީތިކަން އެއްކޮށްލެވިފައިވާ ގޮތަކަށް ކަމަށް އާކިޓެކްޓް ބުނެފައިވެއެވެ. މި މިޔުޒިއަމްގެ ބައްޓަން ހުންނާނީ ބޮއްޔާއި މުތީގެ ބައްޓަމަށް ކަމަށްވާއިރު، މިކަމުން ދުބާއީގެ މުތީ ފީނުމުގެ ދިގު ތާރީހަށް އިހްތިރާމު އަދާކުރެއެވެ.

ޑޫމާގެ ތެރޭގައި ފަސް ފަންގިފިލާ ހިމެނޭނެ އެވެ. މި ތަންތަނުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަޝްހޫރު ފަންނާނުންނާއި، އާ ފަންނާނުންގެ ހުނަރުވެރި މަސައްކަތްތައް ދައްކައިދޭނެއެވެ. މިޔުޒިއަމްގައި ގެލެރީތަކުގެ އިތުރުން ލައިބްރަރީއަކާއި، ދަސްކުރުމުގެ މާހައުލުތަކާއި، ކެފޭއެއްގެ އިތުރުން ދުބާއީ ކްރީކްގެ ރީތި މަންޒަރު ފެންނަ ގޮތަށް ހަދާފައިވާ ތަންތަންވެސް ހުންނާނެއެވެ.