ޅ. ނައިފަރުގައި ފުޓުބޯޅަ ދަނޑެއް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ސްޕޯޓްސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އަދި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

އެ މަޝްރޫއުގެ ދަށުން، ސަބްބޭސް މަރާމާތުކުރުމާއި ޓާފް އަލުން އެޅުމާއި، ވަށައިފާރު ރޭނުމާއި، ފެންސް ރެނޮވޭޓް ކުރުމާއި، އިތުރު ދެ ބައްތި ހޮޅިދަނޑި ހަރުކުރުމާއި، މިހާރު ހުރި ރޮސްޓްރަމް ރޫޅާލުމާއި، 16,100 އަކަފޫޓުގެ ސަރަހައްދެއްގައި ތިން ފަންގިފިލާގައި އާ ރޮސްޓްރަމެއް ހެދުމުގެ މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަޝްރޫއަކީ 24.78 މިލިއަން ރުފިޔާއަށް، 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ޖުމުލަ 6000 މީހުންގެ އާބާދީއެއް އޮންނަ ނައިފަރުގައި ފުޓުބޯޅަ ދަނޑެއް ތަރައްގީކުރުމުގެ މަޝްރޫއަކީ ރަށުގެ ޒުވާނުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ އެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުމުން، ރަށުގެ ރައްޔިތުންނަށް އިޖުތިމާއީ ގޮތުން ކުރިއެރުންތަކެއް ލިބި، އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.