ރާއްޖޭގައި އަލުން ފަށަން ހަމަޖެއްސި، ހެލިކޮޕްޓަރުގެ ހިދުމަތާ ބެހޭގޮތުން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީންއާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އެ މައްސަލައާ ބެހޭގޮތުން މާދަމާގެ ޖަލްސާގައި މިނިސްޓަރާ ސުވާލުކުރަން ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ.

މެންބަރު މިނިސްޓަރާ ސުވާލުކުރަން ހަމަޖެހިފައިވަނީ، މިދިޔަ މާޗު މަހު ރާއްޖޭގައި ހިދުމަތްދޭން ފަށާނެ ކަމަށް ބުނި ހެލިކޮޕްޓަރުގެ ހދުމަތް މިހާތަނަށް ނުފެށި ވަނީ ކީއްވެގެންތޯއެވެ. އަދ،ި އެ ހިދުމަތް ފެށޭނެ ކަމަށް މިހާރު ބެލެވޭ މުއްދަތަކީ ކޮބައިތޯ އާއި އެ ހިދުމަތްދޭން ހަވާލުކޮށްފައިވާނަމަ އެ ކުންފުނިން އަދިވެސް ހުރީ އެ ހިދުމަތް ފަށާ ގޮތަށްތޯވެސް ސުވާލުކުރަން ވަނީ ހަމަޖެހިފައެވެ.

ވަޒީރުންގެ މަޖިލީހުގައި ނިންމި ނިންމުންތަކާ ގުޅޭގޮތުން މިދިޔަ އަަހަރު ނޫސްވެރިންނަށް މައުލޫމާތުދެމުން ރައީސް އޮފީހުން ބުނެފައިވަނީ ހެލިކޮޕްޓަރުގެ ހިދުމަތް އަލުން ފަށަނީ އަވަސް ސިއްހީ ފަރުވާ ބޭނުންވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ގެއްލޭ މީހުން ހޯދުމުގެ މަސައްކަތްތަކަށް ކަމަށެވެ.