ދާރުލްއަރުގަމް ވަގުފް އިމާރާތުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން 39،462،545.08 މިލިޔަން ރުފިޔާއަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ދާރުލްއަރުގަމް އިމާރާތުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން އާރުސީސީއާ ހަވާލުކުރިއިރު، ހުޅުމާލެ ފޭސް-1 ގެ ލޮޓް ނަންބަރު 11646 ގައި ހެދުމަށް ހަމަޖެހިފައިވާ ވަގްފު އިމާރާތް، "ދާރުއްސަލާމް" ހަދައިދޭނެ ބަޔަކު ހޯދަން ބިލްޑް އެންޑް މެއިންޓެނެންސް އުސޫލުން ފުރަތަމަ އިއުލާނުކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.
އެ އިއުލާނު ބާތިލުކޮށް، މިމަހުގެ 21 ގައި ދެވަނަ ފަހަރަށް، އެތަން ހަދައިދޭނެ ބަޔަކު ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ދާރުލްއަރުގަމް ވަގުފް އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި އާރުސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމް އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއަކީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މަޝްރޫއެއް ކަމަށެވެ. މަޝްރޫއު ނިންމަން ދީފައިވަނީ 540 ދުވަހެވެ.
ބާރަ ބުރިއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުގަމް ވަގުފް އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ހަދަން ނިންމާފައިވާ އިމާރާތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
"އެ އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ބުރީގައި ރިސެޕްޝަނެއް ހުންނާނެ. މީގެ އިތުރުން އިމާރާތުގެ ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ގާއިމްުކުރުމަށް ހަމަޖެހިފައިވާއިރު އެއް ވަނަ ބުރިން 12 ވަނަ ބުރިއަށް ޒަމާނީ އޮފީސް ބައިތަކާއި، މީޓިން ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެ. މީގެ އިތުރުން އިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަހެއް ގޮތުގައި ގާއިމުކުރާ ބައެއް." އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމު ގާއިމު ކުރާނެ ކަމަށާއި އެ މަޝްރޫއު ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ އެ އިމާރާތުން އަހަރަކު ދިހަ މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭއިރު އާމްދަނީގެ 20 އިންސަައްތަ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
"އާމްދަނީގެ 80 އިންސައްތަ އިސްލާމިކް ވަގުފް ފަންޑަށް ޖަމާކުރާ ގޮތަށް ވަނީ ހަމަޖެހިފައި." އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެ މަޝްރޫއެއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ރާއްޖޭގައި ވަގުފް ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫއެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. ދާރުލްއަރުގަމްގެ އިތުރުން ހުޅުމާލޭގައި ވަގުފް އިމާރާތަކާއި، މާލޭގައި ކީރިތި ގުރުއާނަށް ހާއްސަ ވަގުފް އިމާރާތެއް ހެދުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގއ. ވިލިނގިލީގައި ވަގުފް މަޝްރޫއު ފެށުމަށް ރައީސް ޑރ. މުއިއްޒު ވަނީ ދާދިފަހުން ނިންމަވައިފައެވެ.
އެ މަޝްރޫއު ތަކަކީ ރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫއުތަކެއް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެެވެ.
ފާތިމަތު ލިއުޝާ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ