އިޓަލީ ލީގުގައި ރޭ ނަޕޯލީން ކުޅުނު މެޗުގައި އިންޓަ މިލާން ބަލިކޮށްފިއެވެ.

މިދިޔަ ސީޒަނުގެ ލީގަށް ވާދަކުރި ނަޕޯލީއާއި އިންޓައިން ރޭ ނަޕޯލީގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗުން ނަޕޯލީ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މިވަގުތު އިޓަލީ ލީގު ތާވަލުގެ އެއްވަނައިގައި ނަޕޯލީ އޮތީ އަށް މެޗުން 18 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޭސީ މިލާން އޮތީ އަށް މެޗުން 17 ޕޮއިންޓާއެކުގައެވެ. ރޭ އޭސީ މިލާނުން ކުޅުނު މެޗުގައި ޕީސާ ކައިރިން 2-2 އިން އެއްވަރުވިއެވެ.

މެޗުގެ ފެށުން ދިޔައީ ދެޓީމަށްވެސް ދަށްކޮށެވެ. މާގިނަ ހަމަލާތަކެއް ކުރީކޮޅުގައި ފެނިގެން ނުދިޔަ ނަމަވެސް، 30 އަކަށް މިނެޓް ހިނގިތަނުން ހެންރިކް މިކިޓާރިއަން ކުރި ފައުލަކުން ނަޕޯލީއަށް ޕެނަލްޓީއެއް ލިބުނެވެ. އެ ޕެނަލްޓީގައި ކެވިން ޑި ބްރޭނާ ވަނީ ލީޑު ނަގައިފައެވެ.

އެ ޕެނަލްޓީ ޖެހުމުގެ ތެރޭގައި ޑި ބްރޭނާއަށް އަނިޔާވެ، ބާލަން ޖެހިފައިވެއެވެ. އެއީ ނަޕޯލީއަށް ލިބުނު މާޔޫސް ކަމެކެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ސްކޮޓް މެކްޓޮމިނޭ ޖެހި ގޯލުން އަނެއްކާވެސް ނަޕޯލީގެ ސަޕޯޓަރުން ކެކިގެން ދިޔައެވެ. އެ އަޑު ކުޑަކޮށް މަޑުވެލީ 59 ވަނަ މިނެޓުގައި އިންޓަގެ ހަކާން ޗަލަނޮގްލީ ގޯލެއް ޖަހައި އިންޓައަށް އުންމީދެއް ހޯދައިދިނުމުންނެވެ.

އިންޓައިން ފަރަގު ކުޑަ ކުރި ނަމަވެސް، ނަޕޯލީގެ ޒަމްބޯ އަންގުއީސާ ޖެހި ގޯލުން އެޓީމުން މޮޅު ޔަގީންކުރިއެވެ.