ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލު ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ދެންމެ ބާތިލު ކޮށްފިއެވެ.

މި މައްސަލައަކީ، ގދ. ތިނަދޫ ޓުވައިލައިޓް ޝައްމޫން އާދަމް އާއި މ. ސިނައެކަތަ ފާތިމަތު މުމްތާޒާ އާއި ނ. ވެލިދޫ މަނާމް ނިއުމާ މުހައްމަދުގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.

އެ ތިން މީހުން ސިވިލްކޯޓުގައި ދައުވާ ކުރީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލު ކުރާނެ ކަމަށް ބުނެ، އެތަނުގެ ލިޔުން ލިބިގެން، ފިލިޕީންސްގެ އެލްޑާސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުން ގެންދާ ޕީއެޗްޑީ ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، ޕީއެޗްޑީ ސަނަދު ވެލިޑޭޓް ކުރުމަށް ހުށަހެޅުމުން، އެ ސަނަދު ގަބޫލު ނުކުރުމަށް ކޮލިފިކޭޝަން އޮތޯރިޓީން ނިންމުމުންނެވެ.

ކޮލިފިކޭޝަން އޮތޯރިޓީން ބުނެފައިވަނީ، އެގޮތަށް ނިންމީ 28 މާޗް 2021 ގައި އަމަލުކުރަން ފެށި، "ރާއްޖެއިން ބޭރުގައި މަތީ ތައުލީމުދޭ މަރުކަޒު ތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނޭ ގޮތުގެ އުސޫލު" އަށް ހަވާލާދީ ކަމަށެވެ.

އެއީ ސްރީލަންކާގެ އެއިމްސް ކޮލެޖްގައި ކިޔަވައިދޭ ފިލިޕީންސްގެ އޯލްޑާސްގޭޓް ކޮލެޖްގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރަން ނުފެންނަ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުން 2021 ގައި ނިންމުމާ ގުޅިގެންނެވެ.

މި މައްސަލައިގައި އެ ތިން މީހުން ސިވިލް ކޯޓުގައި ބުނެފައިވަނީ އެއީ ކޮލިފިކޭޝަން އޮތީރިޓީން ގަބޫލުކުރާ ޕްރޮގްރާމެއްކަމުގެ ލިޔުން ލިބި، ކޯސް ފަށައި، ކޯހުގެ މެދު ތެރެއިން، އެ ޕްރޮގްރާމްގައި މައްސަލަތަކެއް އުޅޭކަން ފާހަގަ ވެ، އެކަންތައް ބަލަމުން އަންނަ ކަމަށާއި ނަމަވެސް އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ދަރިވަރުންގެ ސަނަދު ގަބޫލުކުރާނެ ކަމަށް ލިޔުމުން ދިން ޔަގީންކަމުގެ މައްޗަށް އޮތް އިތުބާރު ބޮޑުކަމުން، އެހެން ޕްރޮގްރާމަކަށް ނުގޮސް ޕްރޮގްރާމް ފުރިހަމަކޮށް ނިންމިތާ އެއް އަހަރު ފަހުން ޕްރޮގްރާމް ގަބޫލު ނުކުރާނެކަމަށް އެންގުމަކީ އިއާދަ ނުކުރެވޭ ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށެވެ.

އެކަމުގެ ސަބަބުން ގާނޫނު އަސާސީގައި ބަޔާންކުރާ ވަޒީފާގެ ކުރިއެރުން ލިބުމުގެ ހައްގާއި އެ ނިސްބަތުން އުޖޫރަ ލިބުމުގެ ހައްގަށް ހުރަސްއެޅިފައިވާ ކަމަށެވެ. އަދި އެފަރާތްތަކުގެ އިހުމާލެއް ބާރެއް، ނެތް ކަމެއްގައި ބޭއިންސާފުން ސައްހަ ނޫން ގޮތެއްގައި އޮތީރިޓީން ނިންމި ނިންމުން ވެފައިވަނީ އެފަރާތްތަކަށް ދެވުނު ބޮޑު އަދަބަކަށް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ ފަރާތްތަކުގެ ޕީއެޗްޑީ ސަނަދު ގަބޫލު ކުރުމަށް އޮތޯރިޓީގެ މައްޗަށް އަމުރުކޮށްދިނުމަށް އަދި އެގޮތަށް އަމުރުކޮށް ދެވޭނެ ތަނެއް ނެތްނަމަ، އޮތޯރިޓީގެ އިދާރީ ނިންމުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޝައްމޫން އާދަމް އަށް 23.6 މިލިޔަން ރުފިޔާ، ނިއުމާ މުހައްމަދާއި ފާތިމަތު މުމްތާޒާ ކުރެ ކޮންމެ މީހަކަށް 16 މިލިޔަން ރުފިޔާ ނަގައިދިނުމަށް ސިވިލްކޯޓުގައި އެދުނެވެ.

ނަމަވެސް ސިވިލް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިންމާފައިވަނީ، އެ މީހުންގެ ސަނަދުތައް ޑޮކްޓޯރިއަލް ޑިގްރީއަށް އެކްރެޑިޓް ކުރަން ކޮލިފިކޭޝަން އޮތޯރިޓީއަށް އަމުރުކުރަން ނުޖެހޭ ކަމަށެވެ. އެ ފަރާތްތަކުން ކިޔެވި ޕްރޮގްރާމްގައި މައްސަލަތަކެއް ހުރިކަން އޮތޯރިޓީން އަންގާފައިވާ ހިސާބަށް އެފަރާތްތަކުން ކޮށްފައިވާ ހަރަދުތަކާއި އެފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކަށް އޮތޯރިޓީން ޒިންމާވާން ޖެހޭނެ ކަަމަށް ކަނޑައަޅައި، ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެ ފަރާތްތަކުން އެދިފައިވާ އަދަދުތަކަކީ ނަގައިދެވޭނެ ފައިސާއެއް ނޫން ކަމަށާއި އެ މިންވަރަށް އެފަރާތްތަކަށް ގެއްލުން ވެފައިވާކަން ޝަރީއަތަށް ސާބިތު ނުވާ ކަމަށް ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ސިވިލްކޯޓުގެ އެ ނިންމުން އެ ފަރާތްތަކުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމްގައި ވަނީ ސިވިލްކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ. ފިލިޕީންސްގެ އެލްޑާސްގޭޓް ކޮލެޖުން ޝައްމޫނަށް ދޫކޮށްފައިވާ ޑޮކްޓާ އޮފް ފިލޯސަފީ (މެނޭޖްމަންޓް) ސަނަދާއި ނިއުމާ އާއި ފާތިމަތު މުމްތާޒާ އަށް ދޫކޮށްފައިވާ ޑޮކްޓާ އޮފް ފިލޯސަފީ (އެޑިއުކޭޝަން) ސަނަދު ގަބޫލު ކުރުމަށް ކޮލިފިކޭޝަން އޮތޯރިޓީއަށް ވަނީ އަންގައިފައެވެ.

ހައިކޯޓުގެ މި ހުކުމް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

އެ މައްސަލަބަލައި ސުޕްރީމް ކޯޓުން، މިއަދު ހުކުމް ކުރީ، ހައިކޯޓުން ކުރި ހުކުމް ބާތިލު ކުރުމަށެވެ. އަދި ނިއުމާ މުހައްމަދާއި، ފާތިމަތު މުމްތާޒުގެ ޕީއެޗްޑީ ޕްރޮގްރާމް ފަށައި ނިންމައިފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ރިކޮގްނިޝަން އޮފް ހަޔާ އެޑިއުކޭޝަން ޕްރޮވައިޑާ އެންޑް ޕްރޮގްރާމް ލިޔުން ހޯދަައިގެން ނޫން ކަމަށްވާތީ އެ ފަރާތްތަކަށް ބަދަލު ދޭން ޖެހޭނެތަނެއް ނެތް ކަމަށް ކަނޑައަޅާ ކަމަށްވެސް ވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޝައްމޫނަށް ދޫކޮށްފައިވާ ރިކޮގްނިޝަން އޮފް ހަޔާ އެޑިއުކޭޝަން ޕްރޮވައިޑާ އެންޑް ޕްރޮގްރާމް ލިޔުމަށް ބަރޯސާވެ ޕީއެޗްޑީ ޕްރޮގްރާމް ފުރިހަމަކޮށް އެ ޕްރޮގްރާމްގެ ސަނަދު ވެލިޑޭޓް ކޮށްދިނުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހެޅުމުން އެ ސަނަދު ވެލިޑޭޓް ކޮށް ނުދިނުމަށް އެ އޮތޯރިޓީން ނިންމި ނިންމުމުގެ ސަބަބުން ޝައްމޫނަށް ގެއްލުމެއް ލިބިފައި ވާނަމަ އެ ގެއްލުމުގެ ބަދަލު އޭނާއަށް ލިބިދޭން ޖެހޭ ކަމަށް ކަނޑައަޅައި ލިބިފައިވާ ގެއްލުމެއް ވާނަމަ އެ ގެއްލުމުގެ މިންވަރު ކަނޑައެޅުމަށްޓަކައި ހައިކޯޓުން އަލުން ބެލުމަށްޓަކައި މި މައްސަލައެ ކޯޓަށް ތަހުވީލުކުރުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.