މި ސީޒަނުގެ ޖަރުމަނު ލީގުގައި ކުޅުނު 8 ވަނަ މެޗުންވެސް ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.

ރޭ ބަޔާނުން ރަށުން ބޭރުގައި ބްރޫޝިއާ މޮންޗެންގްލެބަޗް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ލީގުގައި ކުޅުނު 8 މެޗާއި، ލީގުން ބޭރުގައި ކުޅުނު 4 މެޗުންވެސް މޮޅުވެ، ބަޔާން ވަނީ ސީޒަނުގައި 100 ޕަސެންޓް ރެކޯޑެއް ދަމަހައްޓައިފައެވެ.

މިއީ ބަޔާނުން ލީގުގެ ފުރަތަމަ 8 މެޗު ކާމިޔާބުކޮށްގެން ސީޒަން ފެށި ތިންވަނަ ފަހަރެވެ. މީގެ ކުރިން އެ ކާމިޔާބީ ހާސިލްކޮށްފައި ވަނީ 2012-13 ވަނަ އަހަރު ޖެފް ޔަންކޭސްގެ ކޯޗުކަމުގައާއި 2015-16 ވަނަ އަހަރު ސީޒަނުގައި ޕެޕް ގާޑިއޯލާގެ ކޯޗުކަމުގެ ދަށުންނެވެ.

މިހާތަނަށް ސީޒަނުގައި ކުޅުނު 13 މެޗުން މޮޅުވެ، ބަޔާން ވެގެން ގޮސްފައި ވަނީ އޭސީ މިލާންގެ އިތުރުން ލީގުގެ ފުރަތަމަ 13 މެޗު ކާމިޔާބުކުރި ހަމައެކަނި ޓީމަށެވެ. އެއީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ނަތީޖާތަކަށް ބަލާއިރުއެވެ.

މިލާނުން އެ ރެކޯޑު ހަދާފައި އޮތީ 1992-93 ވަނަ އަހަރު ސީޒަނުގައެވެ.

ރޭ ބަޔާނުން ގޯލްތައް ޖެހީ ދެވަނަ ހާފުގައެވެ. ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި މޮންޗެންގްލެބަޗްގެ ޔެންސް ކަސްޓްރޮޕަށް ރަތް ކާޑު ދެއްކުމުން ބަޔާން ޑޮމިނޭޓް ކުރި އިރު، ދެވަނަ ހާފުގައި ގޯލްތައް ޖެހީ ޖޯޝުއާ ކިމިޖާއި ރަފޭލް ގޮރޭރޯ އަދި ލެނާޓް ކާލެވެ.