ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުން ޗޮންޗިން އެއާލައިނަށް ހިދުމަތް ދޭން ފަށައިފިއެވެ.

ވީއައިއޭ، ހިންގާ މޯލްޑިވްސް އެެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިއަދު ބުނީ އާ ޓާމިނަލުން ޗޮންޗިން އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައި ކަމަށެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ ބޯޑް ޑިރެކްޓަރު އިބްރާހިމް މަހުދީ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ވިލާ ޓްރެވަލްސްގެ އެއާޕޯޓް ސްޓޭޝަން މެނޭޖަރު މުހައްމަދު ފައްޔާޒު އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން ބުނީ އެ ރަސްމިއްޔާތުގައި ޗޮންޗިން އެއާލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 142 ފަސިންޖަރުންނަށް ވަނީ ހަދިޔާދީފައި ކަމަށެވެ. އަދި އާ ޓާމިނަލަށް ކައިރިކުރި ޗޮންޗިން އެއާލައިންގެ ފުރަތަމަ މަތިންދާބޯޓް OQ2393 ރާއްޖެ އައި 79 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައި ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިން, ޗައިނާ ސަދާން އެއާލައިންސްގެ ދަށުން ހިންގާ ޗޮންޗިން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 24 ޖޫން 2024 ގައެވެ.

ޗޮންޗިން އެއާލައިނާއެކު އާ ޓާމިނަލުން ދަނީ 12 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެމްއޭސީއެލުން ބުންޏެވެ.