ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުން ބްރިޓިޝް އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިރޭ ބުނީ އާ ޓާމިނަލުން ބްރިޓިޝް އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައި ކަމަށެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގު ވައްހާބު ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ބްރިޓިޝް އެއާވޭސްގެ އެއާޕޯޓް މެނޭޖަރު މުހައްމަދު ނިހާން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން ބުނީ އެ ރަސްމިއްޔާތުގައި ބްރިޓިޝް އެއާވޭސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 126 ފަސިންޖަރުންނަށް ވަނީ ހަދިޔާދީފައި ކަމަށެވެ. އަދި އާ ޓާމިނަލް ކައިރި ކުރި ބްރިޓިޝް އެއާވޭސްގެ ފުރަތަމަ މަތިންދާބޯޓް BA061 އިން ރާއްޖެ އައި 122 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައި ކަމަށެވެ.

ބްރިޓިޝް އެއާވޭސްއަކީ އިނގިރޭސިވިލާތުގެ ގައުމީ އެއާލައިނެވެ. އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށީ 26 އޮކްޓޯބަރު 2009 ގައެވެ.

ބްރިޓިޝް އެއާވޭސް އާއެކު އާ ޓާމިނަލުން މިހާރު ދަނީ 13 އެއާލައިނަކަށް ހިދުމަތްދެމުންނެވެ. އަދި ބްރިޓިޝް އެއާވޭސް އަކީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ޔޫރަޕުގެ ފުރަތަމަ އެއާލައިނެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެމްއޭސީއެލުން ބުންޏެވެ.