ޕެރިސް މިއުޒިމުން ވަދެ ވައްކަން ކޮށްގެން ވަގުންތަކެއް ފިލާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ފްރާންސުގެ ޕެރިހުގެ މަޝްހޫރު އަދި ދުނިޔޭގައި އެންމެ ގިނަ މީހުން ޒިޔާރަތްކުރާ ރެކޯޑު އޮންނަ ލަވްރޭ މިއުޒިއަމްގައި މިދިޔަ ހަފުތާގައި ބޮޑު ވައްކަމެއް ހިނގާފައިވާއިރު އެ ވައްކަން ކުރި މީހުން ވަނީ ފިލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވައްކަން ކުރި މީހުން އެތަނުން ނެގި ތަކެއްޗާއެކު ފިލައިގެން ހައިޑްރޯލިކް ލިފްޓެއް ބޭނުންކޮށްގެން އިމާރާތުގެ ބޭރުން ފިލާ މަންޒަރު ފެންނަ ވީޑީއޯ ވަނީ އާންމުވެފައެވެ.

https://x.com/PolymarketIntel/status/1981311711589126311

އޮފިޝަލުން ބުނެފައިވާގޮތުގައި އެ މީހުން ނުކުމެގެން ދިޔައީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ބައެއްކަމަށް ހެދިގެންނެވެ. އެއީ ވަގުންތަކެއްކަން އެއްވެސް ބަޔަކަށް ރޭކާ ނުލި ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

މަޝްހޫރު މޮނަލިސާގެ ކުރެހުން ފަދަ ދުނިޔޭގައި ފާހަގަކޮށްލެވޭ އަގު ބޮޑު އެއްޗެހި ހުންނަ އެ މިއުޒިއަމަށް ވަތް ވަގުން ވަގަށް ގެންގޮސްފައިވަނީ އަގުބޮޑު ގަހަނާތަކެއް ކަމަށް އޮފިޝަލުން ބުނެއެވެ.

102 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އެ ގަހަނާތައް ނަގައިގެން އެމީހުން ފިލާފައިވަނީ ހަތް މިނެޓުތެރޭގައެވެ. އޮފިޝަލުން ވަނީ ވައްކަން ކުރި ވަގުން އަދި ހޯދިފައި ނުވާކަމަށް ބުނެ އެކަމުގެ ތަހުގީގު ކުރިޔަށް ދާކަމަށް ބުނެފައެވެ.